ރައީސް އިބްރާހީމް މުހައްމަދު ސާލިހް، ތައިރޮއިޑް ފަރުވާއަކަށް ކުރެއްވި އޮޕަރޭޝަނަށްފަހު ހާލު ރަނގަޅު ކަމަށާއި ވަރަށް އަވަހަށް މާލެ ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ރައީސް ސާލިހް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަދު ހޮސްޕިޓަލުން ދޫކޮށްލާފައިވާކަމަށާއި، ހާލު ރަނގަޅު ކަމަށެވެ. އަދި ވިދާޅުވި ވަރަށް އަވަހަށް ރާއްޖެއަށް އެނބުރި ވަޑައިގަންނަވާނެ ކަމަށެވެ.

ތައިރޮޑް ފަރުވާ އަށް ރައީސް ސާލިހް ސިންގަޕޫރަށް ފުރާވަޑައިގެންނެވީ މިދިޔަ މަހު 23 ދުވަހު އެވެ. އަދި އޮޕަރޭޝަން ކުރެއްވީ މިދިޔަ މަހު 25 ވަނަ ދުވަހު އެވެ.

ރައީސް ސޯލިހް އެ ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑޮކްޓަރުގެ ލަފާގެ މަތިން ތައިރޮއިޑް ފަރުވާ ފުރިހަމަކުރުމަށްފަހު ލަސްނުވެ މަސައްކަތަށް އެނބުރި ވަޑައިގަންނަވާނެ ކަމަށެވެ.