ދައުލަތުގެ އެކި މަގާމުތައް ފުރުއްވާ ބޭފުޅުން، ހުށަހަޅަން ޖެހޭ މާލީ ބަޔާނުގައި ތެދު ނޫން މައުލޫމާތު ހިމަނައިފިނަމަ، މަގާމުން ވަކިކޮށް، ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް ދެ އަހަރު ދުވަހަށް ޖަލަށް ލެވޭ ގޮތަށް ކަނޑައަޅައި މާލީ އަދި އެހެނިހެން މަސްލަހަތުތައް ހާމަކުރުމުގެ ބިލު މަޖިލީހަށް ހުށަހަޅައި ބަހުސް ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ބިލު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ.

މި ބިލުގެ ބޭނުމެއް ކަމަށް އީވާ ވިދާޅުވީ، ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ދަށުން މާލީ ބަޔާން ހުށަހަޅަން ޖެހޭ މީހުންނާއި، ދައުލަތުގެ މަގާމުތައް އަދާކުރާ ފަރާތްތަކުގެ މާލީ އަދި އެހެނިހެން މަސްލަހަތުތައް ހާމަކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، އެއްހަމަކުރުން ކަމަށެވެ. އަދި ދެ ފުށް ފެންނަ ގޮތަކަށް މާލީބަޔާން ހުށަހެޅުމުގައި އަމަލުކުރަން ޖެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ގާއިމުކުރުން ކަމަށްވެސް ވިދާޅުވިއެވެ.

ދައުލަތުގެ އެކި މަގާމުތައް ފުރުއްވާ ބޭފުޅުންގެ ތެރެއިން މާލީ ބަޔާން ހުށަހަޅަން ޖެހޭ ފަރާތްތައް އެ ބިލުގައި ވަނީ ލިސްޓު ކޮށްފައެވެ. އެއިން ކޮންގެ ފަރާތަކުން ވެސް ބިލުގައި ކަނޑައަޅާފައިވާ މައުލޫމާތުތައް ފުރިހަމަކޮށް، ބިލުގައި ކަނޑައަޅާފައިވާ މުއްދަތަށް ކޮންމެ އަހަރަކުވެސް އެ ފަރާތެއްގެ މަސްއޫލު އިދާރާއަށް މާލީ ބަޔާން ހުށަހަޅަން ޖެހޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

އޭގެ ތެރެއިން މަޖިލިސް މެންބަރުންނާއި އޮޑިޓާޖެނެރަލްގެ އޮފީހަށް ނިސްބަތްވާ ބަޔާން ހުށަހަޅަން ޖެހޭ ފަރާތްތަކުން މަސްއޫލު އިދާރާގެ ގޮތުގައި، ބަލާނީ ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު، ކަމަށާއި، ފަނޑިޔާރުން މަސްއޫލު އިދާރާގެ ގޮތުގައި ބަލާނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ކަމަށާއި، ސިވިލްސާވިސްއަށް ނިސްބަތްވާ ފަރާތްތައް މަސްއޫލު އިދާރާގެ ގޮތުގައި ބަލާނީ އެ ކޮމިޝަން ކަމަށާއި، ދައުލަތުގެ ކުންފުނިތައް ހިއްސާވާ ފަރާތްތަކުން ބަލާނީ ޕްރައިވެޓައިޒޭޝަން ބޯޑު ކަމަށާއި، ދެން ތިބި އެެހެނިހެން ފަރާތްތައް މަސްއޫލު އިދާރާގެ ގޮތުގައި ބަލާނީ އޮޑިޓާ ޖެނެރަލްގެ އޮފީސް ކަމަށްވެސް ބުނެފައިވެއެވެ.

މާލީ ބަޔާންތަކުގެ ސައްހަކަން ކަށަވަރުކޮށް، މައްސަލަ ބަލައި ޕްރޮސިކިއުޓާ ޖެނެރަލް އާއި ތަހުގީގީ އިދާރާތަކަށް ފޮނުވަން ޖެހޭ މައްސަލަތައް ފޮނުވުމަށް މިނިވަން މުއައްސަސާއެއް ކަނޑައަޅަން ޖެހޭނެ ކަމަށްވެސް ބިލުގައި ވެއެވެ. މި ގާނޫނާ ހިލާފުވާ ފަރާތްތަކާއި، ކަނޑައަޅާފައިވާ ތާރީހުތަކަށް މާލީ ބަޔާން ހުށަހަނާޅާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތަކެއް ކުރުމަށް މި ބިލުގައި ހިމަނާފައިވެއެވެ.

އެގޮތުން މާލީ ބަޔާނަށް ބަލައި، ވަކި ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އަންގާ އެންގުމަކާ ހިލާފުވާ ކޮންމެ ފަރާތެއް، އެކަމުގެ ކުޑަބޮޑުމިނަށް ބަލައި ގިނަވެގެން 100،000 ރުފިޔާއިން އިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި، އެފަދަ ކަމެއް ތަކުރާރުކުރާ ކޮންމެ ފަހަރަކު ގިނަވެގެން 500،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވަނީ ހިމަނައިފައެވެ.

ގާނޫނުގައި ކަނޑައަޅާފައިވާ ސުންގަޑި ހަމަވާ ދުވަހުން ފެށިގެން ގިނަވެގެން 30 ދުވަސް ތެރޭގައި ބަޔާން ހުށަހަޅާ ފަރާތްތައް، ބަޔާން ހުށަހެޅުން ލަސްވި މުއްދަތާއި ސަބަބަށް ބަލައި ގިނަވެގެން 100،000 ރުފިޔާއިން އިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި، އެކަން ތަކުރާރު ކުރާ ކޮންމެ ފަހަރަކު 500،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ. އެ 30 ދުވަހުގެ ތެރޭގައި، ބަޔާން ހުށަނާޅާނަމަ، ލަސްވި މުއްދަތާއި ސަބަބަށް ރިއާޔަތްކޮށް، 500،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށާއި، ބަޔާނެއްގައި ތެދު ނޫން މައުލޫމާތެއް ހިމަނައިފި ނަމަ ނުވަތަ މައުލޫމާތު ފުރިހަމައަށް ހިމަނާފައި ނުވާ ނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި އެކަމެއް ކުރާ ފަރާތެއް ގިނަވެގެން 500،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށްވެސް ހިމަނާފައިވެއެވެ.

ބިލުގައިވާގޮތުން، ބަޔާނެއްގައި ހިމެނޭ ސިއްރު ޝަކުވާއަކާ ގުޅޭ މައުލޫމާތެއް އާންމުކުރުމާއި، މާލީ ބަޔާނެއް ނައްތާލުމަކީ ކުށެކެވެ. އެ ކުށުގެ އަދަބެއް ކަމަށް ކަނޑައަޅާފައި ވަނީ، ގިނަވެގެން އެއް އަހަރު ދުވަހަށް ޖަލަށް ލުމާއި ގިނަވެގެން 100،000 ރުފިޔާއިން އިން ޖޫރިމަނާކުރުމެވެ.

މި ގާނޫނުގެ ދަށުން ކުރާ ޖޫރިމަނާ ނުދައްކާ ފަރާތެއްގެ އަދަބަކީ، ގިނަވެގެން އެއް އަހަރަށް ޖަލަށް ލުން ކަމަށްވެސް ކަނޑައަޅާފައިވެއެވެ.

ބިލުގައި ބުނާގޮތުން މި ގާނޫނުގެ ދަށުން މައްސަލައެއް ތަހުގީގުކުރަން ލިބޭނީ 30 ދުވަހެވެ. އަދި މައްސަލަ ޕީޖީ އޮފީހަށް ލިބޭތާ 30 ދުވަހުގެ ތެރޭގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމަން ޖެހޭނެ ކަމަށާއި، ޝަރީއަތުން މައްސަލަ ބަލަން ފަށާތާ 60 ދުވަހުގެ ތެރޭގައި ހުކުމް އިއްވަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.