އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބާ ދިމާކޮށް އެޕާޓީގެ ޗެއާޕާސަންކަމަށް ވާދަ ކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރުން އިމްތިޔާޒު ފަހުމީ (އިންތި) އަށް ތާއީދުކުރާ މީހުން ސަރުކާރު ވަޒީފާތަކުން ވަކިކުރާ ކަމަށްބުނެ ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ބަހުސް ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދުއެވެ.

އަންނަ އޭޕްރީލްމަހުގެ 16 ވަނަ ދުވަހު އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބު ބާއްވަން ހަމަޖެހިފައިވާއިރު، އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަނުން، އަންނަނީ އެ އިންތިހާބުގައި ވާދަ ކުރަމުންނެވެ.

އޭގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ތާއީދު ކުރައްވަނީ އިކޮނޮމިކު މިނިސްޓަރު ފައްޔާޒު އިސްމާއިލް އަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ތާއީދު ކުރައްވަނީ، އިމްތިޔާޒު ފަހުމީއަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ލިބިވަޑައިގެންފައިވާ ވެރިކަމުގެ ބާރުތައް، ހަމަހަމަކަމެއްނެތި ބޭނުންކުރައްވަމުން ގެންދަވާކަމަށް ތުހުމަތު ކުރައްވައި މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލަ ހުށަހެޅުއްވީ އިމްތިއަށް ތާއީދު ކުރައްވާ މެންބަރެކެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން މެންބަރު ވަހީދު (ވައްޑެ) ވިދާޅުވީ، ގާނޫނުއަސާސީގެ 115 ވަނަ މާއްދާއިން ރއީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރުތަކަކީ މުތުލަގަށް ދީފައިވާ ބާރުތަކެއް ކަމަށެވެ. ނަމަވެސް ރައީސް އެ ބާރުތައް ބޭނުންކުރަންވާނީ ވަކި ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށްވެސް ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ، ގާނޫނުއަސާސީގެ 115 މާއްދާގެ (ޅ)ގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުތައް އަދާކުރަން ބޭނުންވާ މަގާތަކަށް މީހުން އައްޔަންކޮށް، ވަކިކުރުމުގައި އަމަލުކުރާ ހަމަތަކަކާއި އުސޫލުތަކެއް ހުންނަންޖެހޭނެ ކަމަށެވެ. އެގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އެ ބާރުތައް ބޭނުން ކުރަންވާނީ ގާނޫނުއަސާސީގެ 17 ވަނަ މާއްދާ ގައިވާ، ތަފާތު ނުކުރުމުގެ ހަމަތަކާއި 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަމަހަމަކަމުގެ އިންތަކުގެ ތެރެއިންކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެގޮތަށް މަގާމުތަކަށް އައްޔަންކޮށްފައިވާ މީސްމީހުންގެ ތެރެއިން، އިންތިހާބުތަކާ ދިމާކޮށް ވަކި ބަޔަކު، "އަދި ހާއްސަކޮށް ވެރިކަންހިންގާ ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިހާބަކާ ދިމާކޮށް ވަކިކުރުމަށް ނިންމައި ވަކި ކުރުމަކީ އެނިންމުންތަކުގެ އިންސާފުވެރިކަމާއި ހަމަހަމަކަމާމެދު ރައްޔިތުން އެތަކެއް ސުވާލު އުފެދޭނެކަމެއް،" ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ، އޭޕްރީލް 16 ވަނަ ދުވަހު އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބު ބާއްވަން ހަމަޖެހިފައިވާއިރު އެ އިންތިހާބާ ދިމާކޮށް ސަރުކާރުގެ ވަޒީފާތަކުގައިތިބި ބައެއްމީހުން ވަޒީފާތަކުން ވަކިކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެކަމުގެ ސަބަބުން ސަރުކާރާމެދު ރައްޔިތުންގެ އިތުބާރު ގެއްލި ރައްޔިތުންގެ މެދުގައި ނަފްރަތު އުފެދި، ސަރުކާރާމެދު ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދިދާނެކަމަށް ވެސް ވިދާޅުވިއެވެ.

އެހެންކަމުން އެކަންތައްތަކަކީ ރައްޔިތުންގެ މުހިއްމު މަސްލަހަތެއް ހިމެނޭ ކަމަކަށްވާތީ އެކަން ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ކުއްލި މައްސަލަ ހުށަހެޅުއްވީކަމަށް ވަހީދު ވިދާޅުވިއެވެ.

މި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސްކުރަން ފާސްކުރީ ޖަލްސާގައި ތިއްބެވި 36 މެންބަރުންގެ ތެރެއިން 23 މެންބަރުން ވޯޓު ދެއްވައިގެންނެވެ.