"ބީޓެކް ޕޯލްޓްރީ ފާމް" އިން ދިރޭ ކުކުޅު މިއަދު ވިއްކަން ފަށައިފިއެވެ. މިއަދު ހެނދުނު އައްޑޫ ހިތަދޫ ލޯކަލްމާރުކޭޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ކުކުޅު ވިއްކަން ފަށްޓަވައި ދެއްވީ އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރާއި ކުރީގެ މޭޔަރު އަބްދުﷲ ސާދިގާއި ބީޓެކްގެ މެނޭޖިން ޑިރެކްޓަރ ޙުސައިން މުޙައްމަދުއެވެ.
މި ފާމަކީ ބީޓެކް ގްރޫޕުން އައްޑޫ ސިޓީ ހިތަދޫގައި ހިންގާ ތަނެކެވެ. އެތަނުން ކުކުޅު ކިލޯއެއް ވިއްކަނީ 65 ރުފިޔާއަށެވެ. ކުކުުޅު ވިއްކަން ހުންނާނީ ހިތަދޫ ލޯކަލް މާރުކޭޓުގައެވެ. ކުކުޅު ގަތުމުން ވަގުތުން ކަތިލައި ސާފުުކޮށް ދެއެވެ.
މި ޚިދުމަތާ ބޭހޭ ގޮތުން ބީޓެކް ގްރޫޕުގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ޢަބްދުﷲ ވިދާޅުވީ މިއީ ފެށުމެއް ކަމަށެވެ. ކުރިއަށްއޮތް ތަނުގައި މިޚިދުމަތް ފުޅާ ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނޭ ކަމަށް ވެސް ވިދާޅުވިއެވެ. އެ ފާމުގައި މިވަގުތުހުރީ ރާއްޖެއިން ބޭރުން ބިސްގެނެސްގެން ފާމުގައި ފަޅުވައިގެން ބޮޑު ކޮށްފައިވާ ކުކުޅު ތަކެވެ. މިހާރު ހުރި ކުކުޅުތައް ހުސްވުމުން މަހެެއްހާ ދުވަހުގެ މެދު ކެނޑުމަކަށްފަހު މިހާރަށްވުރެ ރަނގަޅަށް މި ޚިދުމަތް ފޯރުކޮށްދެއްވާނޭ ކަަމަށް ހުސައިން ވިދާޅުވިއެވެ. "މިއީ އަޖުމަ ބަލާލަން ނުވަތަ ޓެސްޓަކަށް ކުރިއަށް ގެންދިޔަ ބުރެއް. އިރާދަ ކުރެއްވި ޓެސްޓު ބުރުން ފާސްވެއްޖެ. ނަތީޖާ ވަރަށް ރަނގަޅު. މިހާރުހުރި ކުކުޅުތައް ހުސްވުމުން ކުޑަ ބްރޭކަކަށްފަހު އަލުން އަޅުގަނޑުމެން ފަށައިގަންނާނީ. މެދުކެނޑިގެން އެދަނީ އިތުރަށް ތައްޔާރުވާން ހޭދަވާ ވަގުތުކޮޅެއް،" ހުސައިން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެއްވެސް ދިމާއަކަށް ޑެލިވަރީ ކޮށްނުދެއްވާ ކަމަށެވެ.
ހުސައިން ވިދާޅުވީ އައްޑޫ ސިޓީއަށް ބޭނުންވާ ވަރަށް މިވަގުތު ކުކުޅު މާކެޓަށް ނުނެރެވޭނޭ ކަމަށެވެ. އެހެންނަމަވެސް މަސައްކަތް ކުރަނީ އަދަދު އިތުރުކޮށް މުޅި ސިޓީއަށް ބޭނުންވާ ވަރަށް ބާޒާރަށް ކުކުޅު ނެރުން ކަމަށް އޭނާ ވިދާޅުވިއެވެ. މި ވަގުތު ހިތަދުއަށް އެކަނި ބޭނުންވާ ވަރަށް ވެސް މާކެޓެއް ނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.