ތ. ގުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައި ކަމަށް އެމްޓީސީސީން ބުނެފިއެވެ. އެކުންފުނީން ބުނެފައިވަނީ އެ މަސައްކަތުގެ 77 ޕަސެންޓް މިހާރުވަނީ ނިމިފައި ކަމަށެވެ.

އެ މަސައްކަަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް އިއްޔެވަނީ ޕްރޮޖެކްޓް ސައިޓަށް ގެނެސްފައި ކަމަށް ވެސް އެކުންފުނީން ބުނެފައިވެއެވެ. އެ ބަނދަރުގެ ބޭރުތޮށި ލުމުގެ މަސައްކަތުގެ 69 ޕަސެންޓް މަސއްކަތް ވެސް ވަނީ ނިމިފައެވެ.

މިއީ 56.9 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ދަށުން، 24،485 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 325 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން ހިމެނެއެވެ. އޭގެ އިތުރުން 185 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 22 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1875 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވެސް ހިމެނެއެވެ.