99.52 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ޅ. ހިންނަވަރު ބަނދަރު ތަރައްޤީ ކުރުމަށް ހިންގާ މަޝްރޫއު ދަށުން އެރަށު އުތުރުފަރާތު ބަނދަރުގެ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް ސައިޓަށް ގެންގޮސްފިއެވެ. އެމްޓީސީސީން ބުނީ އެ ޝިޕްމެންޓް ގެންގޮސްފައިވަނީ މިއަދު ކަމަށެވެ.

މިއީ އެރަށުގެ ތަރައްގީއަށް ސަރުކާރުން ހިންގަމުންގެންދަވާ މަޝްްރޫއުތަކުގެ ތެރެއިން މުހިންމު މަޝްރޫއެކެވެ. މި މަޝްރޫޢުގެ ދަށުން، 3.2 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. އަދި 65،170.76 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރާނެއެވެ. އޭގެ އިތުރުން 421 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުމަށް ހަމަޖެހިފައިވެއެވެ. 123.9 މީޓަރުގެ ސަަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 170.55 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެެސް މި މަޝްރޫގައި ވަނީ ހިމެނިފައެވެ.

ހިންނަވަރުގެ އިތުރުން އއ. މާޅޮސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ވެސް ވަރަށް ބާރަށްދަނީ ކުރިއަށެވެ. އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި އެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް އިއްޔެ ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައި ކަމަށެވެ. މިހާތަނަށް އެއްކޮށް ނިމިފައިވަނީ އެރަށުގެ ނެރު ފުންކުރުމުގެ މަސައްކަތެވެ.

މިއީ 56.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ދަށުން، 24،335 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 394 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން ހިމެނެއެވެ. އޭގެ އިތުރުން 407 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 100 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 56 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 1970 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަަަސައްކަތް ހިމެނެވެެ.