މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ފަޒީން ލޮނުޒިޔާރަތް ޕާކަށް ވަނީ ލަދުހަޔާތް ކުޑަ ކަމުން ކަމަށް މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ލޮނުޒިޔާރަތް ޕާކް ތެރޭގައި ކައުންސިލަރު ފަޒީނާއި ޝިފާ ވާހަކަ ދައްކަވާ އޯޑިއޯއެއް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެ އޯޑިއޯއިން އަޑުއިވޭ ގޮތުގައި މޭޔަރު ޝިފާ ފަޒީންގެ ގާތުގައި ވާވަަރަށް ފޮޓޯ ނެގިއްޖެތޯ ސުވާލު ކުރައްވައެވެ. ޖަވާބުގައި އަދި މެލޭޝިއާއިން ގެނައި ގަސްތައް ނުފެންނަ ކަމަށް ކައުންސިލަރު ފަޒީން ވިދާޅުވެއެވެ.

މޭޔަރު ޝިފާ ވިދާޅުވީ ގަސް ގެނައީ މެލޭޝިއާ އިން ނޫން ކަމަށެެެވެ. އެތަނުގައި ހުންނާނީ ސިންގަޕޫރާއި އިންޑޮނޭޝިއާ އާއި ޗައިނާއިން ގެނެސްފައިވާ ގަސްތައް ކަމަށާއި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ގާތުގައި ގޮސް އިންޑޮނޭޝިއާ ގަހާއި މެލޭޝިއާ ގަހަކީ ކޮބާތޯ އެއްސެވުމަށް މޭޔަރު ޝިފާ އެދިވަޑައިގަތެވެ.

އެއަށްފަހު މޭޔަރު ޝިފާ ވިދާޅުވީ އެޕާކަށް ފަޒީން ވަދެހުރީ "ލަދުހަޔާތް ކުޑަ ކަމުން" ކަމަށެވެ.

https://twitter.com/AlhanFahmy/status/1327566739329085442

ޝިފާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅިފަހުން ފަޒީނާއި އެ ދެ ބޭފުޅުންގެ ގުޅުން ގޯހުން ގޯހަށްދާން ވަނީ ފަށާފައެވެ.

ލޮނުޒިޔާރަތް ޕާކް ތަރައްގީ ކުރުމުގައި މޭޔަރު ޝިފާ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ތަހުގީގުން ވަނީ ހާމަވެފައެވެ.