ދުނިޔޭގެ އިންޓެލިޖެންސް ގްރޫޕެއް ކަމަށްވާ މެރިންޓް ރެފިކްގެ ޑޭޓާ ދައްކާ ގޮތުގައި ރަޝިޔާގެ ސާދާގަރުންގެ ޔޮޓްތައް ދަނީ އިންޑިއާއާއި މޮންޓެނިގްރޯފަދަ ސަރަހައްދުތަކަށް މިސްރާބު ޖަހަމުންނެވެ. ރަޝިޔާގެ އެލުމިނިއަމް ސާދާގަރު އޮލެގް ޑިރިޕަސްކާގެ 65 މިލިއަން ޑޮލަރުގެ ކްލިއޯ އާއި ތެލުގެ އުފެއްދުމުގެ ސާދާގަރު ވާގިޓް އެލެކްޕެރޯވްގެ 80 މިލިއަން ޑޮލަރުގެ ގެލެކްޓިކާ ސުޕަ ނޯވާ ފަދަ އެންމެ ލަގްޒަރީ ޔޮޓްތައް މީގެ ތެރޭގައި ހިމެނެ އެވެ.
ކޮރަޕްޝަނާ ދެކޮޅު އެކްޓިވިސްޓް ބިލް ބްރައުޑަރއާއި އޭނާގެ ބައިވެރިން ދަނީ މި ޔޮޓްތަކުގެ ހަރަކާތްތައް ބަލަމުންނެވެ.
ރަޝިޔާގެ ބިލިއަނަރުންގެ މިލްކިއްޔާތުގައި ވާ ޔޮޓްތައް ފަތުރުވެރި މަންޒިލްތަކަށް މިސްރާބު ޖަހާފައި ވަނީ އެމެރިކާއާއި އެގައުމުގެ އެކުވެރި ގައުމުތަކުން ރަޝިޔާގެ އެންމެ މުއްސަނދިންގެ އެސެޓްތައް ހޯދައި ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ލިސްޓް ކުރުމަށް ހޯދަމުންދާ ދަނޑިވަޅެއްގައެވެ.
ރަޝިޔާގެ ސާދާގަރުންގެ މި އުޅަނދުތަކަކީ ސުޕަރ ޔޮޓްތަކެވެ. މިއީ އާންމު ގޮތެއްގައި 40 މީޓަރަށް ވުރެ ދިގު އުޅަނދުތަކެވެ. ކްލިއޯ އާއި ގެލެކްޓިކާ ދިގުމިނުގައި 70 މީޓަރަށް ވުރެ އިތުރުވާނެ ކަމަށް ވެއެވެ.
އެމރިކާގެ ރައީސް ބައިޑަންގެ ސަރުކާރުން ވަނީ ރަޝިޔާ ސާދާގަރުންގެ އެސެޓްތައް ހޯދުމަށް ޓާސްކް ފޯހެއް އުފައްދާފައެވެ. މީގައި ޔޮޓްތަކާއި ލަގްޒަރީ އެޕާޓްމަންޓްތަކާއި އެމީހުންގެ ބެންކް އެކައުންޓްތަކުގެ މައުލޫމާތު ހޯދުން ހިމެނެއެވެ. އަދި ރަޝިޔާގެ ސާދާގަރުންގެ ދަރިންގެ ހުޅަނގުގެ އަގުބޮޑު ކޮލެޖަށް ކިޔެވުމަށް ފޮނުވުމުގެ ގާބިލްކަން ނިގުޅައިގަތުން ހިމެނޭކަމަށް ސީބީސީން ބުނެއެވެ.
މި މަސައްކަތުގެ އަމާޒަކީ ހަނގުރާމަ ހުއްޓުވުމަށް ޕޫޓިންއަށް ފިއްތަމުން ގެންދިއުމެވެ.
ރަޝިޔާގެ ބައެއް ސާދާގަރުން ދަނީ މި ހަނގުރާމައާ ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ.
ރަޝިޔާގެ އެންމެ ބޮޑު އެއް ޕްރައިވެޓް ބޭންކް އުފެއްދެވި މިޚާއިލް ފްރިޑްމަން ވިދާޅުވީ ހަނގުރާމައަކީ ހައްލެއް ކަމަށް ގަބޫލު ނުކުރައްވާކަމަށެވެ.