ދުނިޔޭގެ އެންމެބޮޑު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި އޭޝިޔާ ޕެސިފިކްގެ 15 ގައުމަކުން ޗައިނާއާއެކު ސޮއިކޮށްފިއެވެ.

މިއީ، ދުނިޔޭގެ ގައުމުތަކުގެ ވިޔަފާރީއަށް ނުފޫޒު ފޯރުވަން ޗައިނާއިން ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށްބޮޑު ކާމިޔާބީއެއް ކަމަށް މީޑިއާއިން ސިފަކުރެއެވެ.

"ރީޖަނަލް ކޮމްޕްރިހެންސިވް އިކޮނޮމިކް ޕާޓްނަރޝިޕް" އާރްސީއީޕީގައި ޗައިނާ، ޖަޕާން، ދެކުނު ކޮރެއާ، ނިއުޒީލެންޑް އަދި އޮސްޓްރޭލިއާއާއެކު، އޭޝިޔާ ޕެސިފިކްގެ 15 އިގްތިސާދަކުން މިއަދުވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި ސޮއިކުރި ގައުމުތައް އެއްކޮށްލުމުން، ދުނިޔޭގެ ޖީޑީޕީގެ ގާތްގަނޑަކަށް 30 އިންސައްތަ، މި އެއްބަސްވުމުގައި ހިއްސާވެއެވެ.

"ރީޖަނަލް ކޮމްޕްރިހެންސިވް އިކޮނޮމިކް ޕާޓްނަރޝިޕް" އެންމެ ފުރަތަމަ ތައާރަފް ކުރެވުނީ 2012 ވަނަ އަހަރުއެވެ.

އެހެންނަމަވެސް، އެއްބަސްވުން އެންމެފަހުން ނިމުމަކަށް މިއައީ، ދެކުނު އިރުމަތީ އޭޝިޔާގެ ގައުމުތަކުގެ ވެރިންގެ ސަމިޓަށްފަހުއެވެ.

އެއްބަސްވުމުގައި ގައުމުތަކުން ސޮއި މިކުރީ، ކޮވިޑްބަލީގެ ހާލަތާ ގުޅިގެން އިގްތިސާދުތަކަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ގައުމުތަކުން ވަރުގަދަ މަސައްކަތްތަކެއް ކުރަމުންދާ ވަގުތެއްގައެވެ.

އެތައް އަހަރެއްގެ މަޝްވަރާތަކަށްފަހު، ވާޗުއަލްކޮށް މި އެއްބަސްވުމުގައި ގައުމުތަކުން ސޮއިކުރުމާ ގުޅިގެން ޗައިނާގެ ބޮޑުވަޒީރު ލީ ކީކިއާންގް ވިދާޅުވީ، އުންމީދު އައުވެއްޖެ ކަމަށެވެ. ވިލާތަކުގެ ތެރެއިން އަލިކަން ފޭދިއްޖެ ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން، ގައުމުތަކުން އެކްޕޯޓްކުރާ ވިޔަފާރީގެ މުދަލުން ނަގާ ޓެކްސް ކުޑަކުރެވި، ވިޔަފާރީގެ އިތުރު ފުރުސަތުތައް ހުޅުވިގެންދާނެއެވެ.

މި އެއްބަސްވުމުގައި އެމެރިކާ ހިމަނާފައެއް ނުވެއެވެ. އެމެރިކާއާއި ޗައިނާއާ ދެމެދު ގާއިމްކޮށްފައިވާ ވިޔަފާރީގެ އެއްބަސްވުން މިހާރުއޮތީ ގަނޑުކޮށްފައެވެ. އެހެންކަމުން، ޗައިނާގެ އިސްނެގުމުގެމަތިން އަލަށް މި ތައާރަފްކުރެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ އެމެރިކާ އެއްބަސްވުމުގެ ބަދަލުގައި ހެދި އެއްބަސްވުމެއް ކަމަށް ބެލެވިފައި ވެއެވެ.