ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި މިހާރު ކުރިއަށްދާ "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2022" ގައި ގާދިއްފުއްޓާއި ތިމަރަފުށި މޮޅަކުން މުބާރާތް ފަށައިފިއެވެ.

ތ.އަތޮޅު ބުރުގެ ފުރަތަމަ މެޗް ގާދިއްފުށިން ކާމިޔާބު ކުރީ ކިނބިދޫއާ ވާދަކޮށް 3-1 އިންނެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީވެސް ގާދިއްފުށިންނެވެ. ފުރަތަމަ ހާފުގެ ކުރީ ކޮޅު މިލަނޑު ގާދިއްފުއްޓަށް ކާމިޔާބު ކޮށްދިނީ އެންމެފަހުުގެ ކްލަބު މޯލްޑިވްސް ކަޕުގެ ރަނައަޕްކަން ހޯދި އެފްއެސްއެމް ޓީމުން ވިދާލި މުހައްމަދު ތާހިރު (އިފާން) އެވެ. އިފާން މިލަނޑު ޖެހީ ކިނބިދޫ ޑިއޭރިޔާ ބޭރު އަރިމަތިން ތިރިތިރިން ދުރުކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ގާދިއްފުށީގެ ލީޑް ފުޅާކޮށްދިނީ ހަސަން ރަޝީދު (ޖޭއާރު) އެވެ. މިއީ ކިނބިދޫ ޑިއޭރިޔާގެ ކުޑަ ތަންކޮޅެއް ބޭރުން ލިބުނު ބޯޅައެއް އުއްޑައެއްހެން ގޯލުގެ މަތީ ދާގަނޑުގައި ތަތްކޮށްލައިގެން ޖޭއާރު ކާމިޔާބު ލަނޑެކެވެ.

ގާދިއްފުއްޓާއި ދެކޮޅަށް މިރޭ ނިކުތް ކިނބިދޫ ފުޓްސަލް ޓީމް. ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ދެވަނަ ހާފް ފަށައިގެން ކިނބިދޫއިން ކުޅުން ރަނގަޅުކޮށް ލަނޑެއް ޖެހުމަށް ގިނަ ހަމަލާތަކެއް އުފެއްދިއެވެ. މެޗުގެު ތެރެއަށް އެނބުރި އައުމަށް ކިނބިދޫއިން ކުރަމުންދިޔަ މަސައްކަތަށް ހިތްވަރެއް ލިބުނީ އިބްރާހިމް އިމްރާހް ލަނޑެއް ޖަހައި ފަރަގު ކުޑަ ކުރުމުންނެވެ. އެކަމަކު މެޗް ނިމެން ކައިރިވެފައި ވަނިކޮށް ގާދިއްފުށިން ތިންވަނަ ލަނޑެއް ޖަހައި މެޗުން މޮޅުވޭނެކަން ޔަގީން ކުރިއެވެ. ދެކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު މިލަނޑު ކާމިޔާބު ކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދި ގާދިއްފުށީ ޓީމުގެ ކެޕްޓަން ހުސައިން ޒާހިރު (ޓުވެންޓީ) އެވެ.

ގާދިއްފުއްޓާއި ކިނބިދޫ ބައްދަލު ކުރި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ހުސައިން ޒާހިރު (ޓުވެންޓީ) ޓްރޮފީއާއެކު. ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ތ.އަތޮޅު ގްރޫޕް ދޭއްގައި ކުޅުނު މެޗް، މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން ތިމަރަފުށިން ކާމިޔާބު ކުރީ ވޭމަންޑޫއާ ވާދަކޮށް 7-4 އިންނެވެ.

ތ.އަތޮޅު ގްރޫޕް އެކެއްގައި އަންނަ ހުކުރު ދުވަހުގެ ރޭ ގާދިއްފުށި ނިކުންނާނީ އޮމަދޫއާ ދެކޮޅަށެވެ. މިމެޗް ފަށާނީ 21:15 ގައެވެ. ހަމަ އެރޭ ގްރޫޕް ދޭއްގައި ތިމަރަފުއްޓާއި ބުރުނިވެސް ވާދަ ކުރާނެއެވެ. މިމެޗް ފަށާނީ 22:15 ގައެވެ.