ފުޓްސަލްއިން ކުރިޔަށްދާން ބޭނުންވާ ޒުވާނުންނަށް އުމުރުން 21 އަހަރުގެ މުހައްމަދު ތާހިރު (އިފާން) ނަމޫނާ ކުޅުންތެރިޔަކަށް ވަނީ ވަރަށް ގިނަ ސަބަބުތައް ހުރެގެންނެވެ. ޒުވާން އުރުމުގައި ފުޓްސަލްއިން ކުރިއަށް ދިޔުމަށް ނެގި ރިސްކް ތަކާއި އުފަން ރަށަށް ދައްކުވައި ދިން ލޯތްބެވެ. މަންމަ ފަހްރުވެރިވާފަދަ ކުޅުންތެރިޔަކަށް ވުމަށްޓަކައި ބެހެއްޓި "ޑިސިޕްލިން" އަކީ އޭނާ ތަފާތުވާ ސަބަބުތަކެވެ.
ތ.އަތޮޅު ގާދިއްފުއްޓަށް ނިސްބަތްވިނަމަވެސް، މިކުޅުންތެރިޔާގެ ފުޓްސަލްގެ ބިންގާ އެޅުނީ ގާދިއްފުށިން ފުރައިގެން ލާންޗެއްގައި 10 ވަރަކަށް މިނެޓުން ދެވޭހައި ކައިރީގައި އޮތް ރާއްޖޭގެ ފުޓްސަލްގެ މަޝްހޫރު ތިމަރަފުށީގައެވެ.
ފުޓްސަލްގެ ދުނިޔެއަށް ލޯ ހުޅުވިގެން ދިޔައިރު އޭނާއަށް ފެނުނީ އޭނާގެ ދޮންބެ (އަހްމަދު ތާހިރު) ފުޓްސަލް އާއި ފުޓްބޯޅައިގައި ދައްކަމުން ދިޔަ ހުނަރާއި ހިތްވަރެވެ. އަދި މިހާރު ތިމަރަފުށީ ފުޓްސަލް ޓީމު ލީޑް ކުރަމުންދާ ކުޅުންތެރިންގެ ހުނަރުތަކެވެ.
"ދޮންބެ ވަަރަށް މޮޅުވާނެ އޭރުވެސް ކުޅެން. އެކަމަކު އެންމެ ކުޑައިރުވެސް އެންމެ ކަމުދަނީ އަލީ ފަހުމީ (އައްޔަ) ގެ ކުޅުން. އޯލްޓައިމް ފެވަރީޓް ފުޓްސަލް ޕްލޭޔަރަކީވެސް އައްޔަ. މިހާރު ކުޅެމުންދާ ކުޅުންތެރިންގެ ތެރެއިން އެންމެ ކަމުދަނީ ގަބޭ (އިބްރާމް އަސްވަދް) ގެ ކުޅުން. ދެން މައިސާން (އިބްރާހިމް މައިސާން) ގެ ކުޅުންވެސް ވަރަށް ކަމުދޭ. މިދެކުޅުންތެރިން ތިބި ލެވެލްއަށް ދިޔުމަށް ވަރަށް އުއްމީދު ކުރެވޭ" އިފާން ބުންޏެވެ.
އިފާން ވަރަށް ކުޑައިރު ތިމަރަފުއްޓަށް މަންމަ ހިޖުރަ ކުރުމުން އޭނާ އުޅެ ބޮޑުވީ އެރަށުގައެވެ. ފުޓްސަލްގައި ވަރުގަދައަށް "ބްރޭންޑް" ވެފައި އޮތް ތިމަރަފުށީގެ ޖާޒީ އިފާންގެ ދޮންބެ (އަހްމަދު ތާހިރު) އިހްތިޔާރު ކުރިނަމަވެސް އިފާން ނިންމީ ގާދިއްފުށީ ޓީމަށް ކުޅޭށެވެ. ދުނިޔޭގެ ފުޓްބޯޅައިގައި ވެސް މަދުން ނަމަވެސް މިފަދަ މަންޒަރު ފެނެއެވެ.
"ތިމަރަފުއްޓަށް އަބަދުވެސް ހިތުގައި އިހްތިރާމް އޮންނާނެ. އެކަމަކު އަބަދުވެސް ހިތުގައި އޮންނަނީ ގާދިއްފުއްޓަށް ކުޅުމުގެ ލޯބި. އުއްމީދަކީ ގާދިއްފުށީ ޖާޒީގައި ތައްޓެއް ކާމިޔާބު ކުރުން. ރަށުގައި ރަނގަޅު ފައިޓެއް ކުރެވޭވަރުގެ ޓީމެއްވެސް މިހާރު އެބައޮތް" ހަލިނިއުސްއަށް ދިން ހާއްސަ ބަސްދީގަތުމެއްގައި އިފާން ބުންޏެވެ.
މީގެ އިތުރުން އޭނާގެ ދެކެމުން އަންނަ އިތުރު ހުވަފެނެއްވެސް އެބައޮތެވެ. "މުސްތަގްބަލުގައި ރަށުގެ ކެޕްޓަން ބޭންޑުގެ ޒިއްމާއާ ހަވާލުވުމަކީވެސް ދެކެމުން އަންނަ ހުވަފެނެއް. އެކަމަކު އެންމެ ބޮޑު ހުވަފެނަކީ ތައްޓެއް ކާމިޔާބު ކުރުމަށް ދެކޭ ހުވަފެން" އިފާން ބުންޏެވެ.
ގާދިއްފުށީ ޖާޒީ އިހްތިޔާރުކޮށް އޭނާ ފުރަތަމަ ކުރިމަތިލި މުބާރާތަކީ 2017 ވަނަ އަހަރު ކިނބިދޫ ވޭރު ޖަމިއްޔާއިން ބޭއްވި ތ.އަތޮޅު ފުޓްސަލް މުބާރާތެވެ. އޭރު އޭނާގެ އުމުރުން އެންމެ 16 އަހަރެވެ. ހަަމައެއަހަރު "އައިލެންޑާސް ކަޕް" ގައިވެސް ގާދިއްފުށީ ފުޓްސަލް ޓީމަށް ކުޅުނުއެވެ. އުމުރުން ހަގަސް، އިދިކޮޅު ޓީމުގެ ހަމަލާތައް ހުއްޓުވުމާއި ޓީމު ލައްވައި ކުޅުވައި ދިނުމަށް އޭނާއަށް ލިބިފައި ހުރި ހުނަރުގެ ސަބަބުން އޭނާ ވެފައި ވަނީ އޭރުވެސް ޓީމުގެ އެންމެ މުހިއްމު އެއްކުޅުންތެރިޔާއަށެވެ.
ފާއިތުވެދިޔަ 3 އަހަރު ހޯދި ކުރިއެރުންތަކާއެކު އިފާންގެ ކުޅުން އެންމެ ބޮޑަށް މިހާތަނަށް ފާހަގަ ވެގެންދިޔައީ އެންމެފަހުގެ ކްލަބު މޯލްޑިވްސް ކަޕުގައެވެ. ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ނަން މަޝްހޫރު ބޮޑެތި ބާރުތައް ބަލިކޮށް ފައިނަލުން ޖާގަ ހޯދިއިރު ކޯޗުގެ އެންމެ ބޮޑު އިތުބާރެއް ހޯދި އެއްކުޅުންތެރިޔަކީ އިފާންއެވެ. އެއްވެސް މެޗެއްގައި ކޯޗް އޭނާ ދަނޑުން ބާލާފައި ނުވާއިރު މުހިއްމު މެޗުތަކުގައި ހިތްގައިމު ލަނޑުވެސް އިފާން ޖެހިއެވެ.
"ގިނަ ތަޖުރިބާތަކެއް ލިބުނު ކްލަބު މޯލްޑިވްސް ކަޕުން. އެއްވެސް މީހަކު ހިޔެއް ނުކުރާނެ އެފްއެސްއެމްއަށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދިދާނެ ކަމަކަށް. އެކަމަކު ކޯޗުގެ ރޭވުންތެރިކަމާއި އެއްގޮތަށް އެޑިސިޕްލިން ހިފަހައްޓައިގެން ޓީމެއް ގޮތުގައި ކުޅުނީމަ އެނގުނު މުބާރާތުގައި ކުރިއަށް ދެވިދާނެކަން. އަދި އަމިއްލަ އިންޑިވިޖުއަލް ޕާފޯމަންސަށް ބަލާއިރުވެސް ބޮޑު އިތުބާރެއް ލިބުނު މުބާރާތެއް ކްލަބް މޯލްޑިވްސް ކަޕަކީ. ރާއްޖޭގެ މަޝްހޫރު ކުޅުންތެރިންނާ ދެކޮޅަށްވެސް މޮޅަށް ކުޅެވިދާނެކަން އެމުބާރާތުން ޔަގީން ކުރެވުނު. މިހާރު އެއިތުބާރު އެބައޮތް" އިފާން ބުންޏެވެ.
ޒުވާން ކުޅުންތެރިންނަށް އިފާން ދޭން ބޭނުންވާ މެސެޖެއްވެސް އެބައޮތެވެ. "ފުރަތަމަ ފަށައިގަންނައިރު ބެންޗުގައި އިންނަން ޖެހުނީމަ ކުޅުން މަތިން ފޫހިވާ ގޮތް ދިމާވޭ ވަރަށް ގިނަ ކުޅުންތެރިންނަށް. ބުނެލަން އޮތީ ސީނިއަރ ކުޅުންތެރިންނަށް އިހްތިރާމްކޮށް ބެންޗުގައި އިނދެގެން ވަރަށް ގިނަ ކަންކަން ދަސްކުރެވޭނެޔޭ. ކެތްތެރިކަމާއެކު އެކަންކަމާ ކުރިމަތިލާށޭ. ބެންޗުގައި އިނަސް ކޮންމެ ކުޅުންތެރިޔަކީވެސް މުހިއްމު ކުޅުންތެރިއެއްކަން ހަނދާނުގައި ބަހައްޓަން ވާނެޔޭ. ޕްރެކްޓިސްތަކަށް ގަވައިދުން އައުމާއި ރަނގަޅަށް ނިދުމާއި ކެއިންބުއިމުގެ ރަނގަޅު އާދަތަކެއް ހިފެހެއްޓުމަށް އިސްކަންދޭންވާނެ" އިފާން ބުންޏެވެ.
މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް މުބާރާތާއި ގުޅޭ ގޮތުން އިފާން ބުނީ އުއްމީދަކީ ތ.އަތޮޅު ބުރުގައި ގާދިއްފުއްޓާއި ތިމަރަފުށީގެ ފައިނަލެއް ފެނުން ކަމަށެވެ. "ފުރަތަމަ މެޗް (ކިނބިދޫއާ ވާދަކޮށް 3-1 އިން ރޭ މޮޅުވި މެޗް) ނެގުނީމަ މިތިބީ ވަރަށް އުފަލުން. ވަރަށް ޒުވާން ހުނަރުވެރި ޓީމެއް ރަށުގައި އޮތީ. ކުރިއަށް ދެން އޮތީ އޮމަދޫ މެޗް. އެކަތިގަނޑެއްގެ ގޮތުގައި ކުޅެ އޮމަދޫ ބަލިކުރެވޭނެ ފެންވަރު މިޓީމުގައި އެބަހުރި. ޓީމުގެ އެޓޭކްތައް ހުއްޓުވަން އޮމަދޫއަށްވެސް ފަސޭހައެއް ނުވާނެ. އެދެނީ، އޮމަދޫ މެޗަށް ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑުން އައިސް ރަށަށް ސަޕޯޓް ކޮށްދިނުމަށް" ސަޕޯޓަރުންނަށް ދިން ހާއްސަ މެސެޖެއްގައި އިފާން ބުންޏެވެ.
އިފާން އެންމެ ސަޕްރައިޒިންގ ޕްލެޔަރ ފޮރ މީ