ޙައްޖާއި ޢުމްރާއާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރި ކުރުމަށްޓަކައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ކުރިއަށް ގެންދާ "ފަސްވަނަ ރުކުން" ޕްރޮގްރާމް މިރޭ ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެކުންފުނީން ހާމަކޮށްފިއެވެ.

އެކުންފުނީން ބުނެފައިވަނީ މި ޕްރޮގްރާމް މިރޭ ކުރިއަށް ގެންދާނީ ލ. އަތޮޅު ފޮނަދޫ އިޖުތިމާޢީ މަރުކަޒުގައި ކަމަށެވެ. ޕްރޮގްރާމް ފަށާނީ މިރޭ 8:30 ގައެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުގެ ދައުވަތު ފޮނަދޫގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް ދެއްވާ ކަމަށް ހައްޖުކޯޕަރޭޝަނުން ބުނެފައިވެއެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުން ވަނީ މާރޗު ދެވަނަ ދުވަހުގެރޭ ވެސް މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. އެ ޕްރޮގްރާމް ޚާއްސަކުރީ ލ.މާމެންދުއަށެވެ. އެރަށު ސްކޫލުގައި ބޭއްވި މިހަރަކާތުގައި އެކަށީގެންވާ އަދަދަކަށް މީހުން ބައިވެރިވިއެވެ. ޙައްޖާއި ޢުމްރާއާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރި ކުރުމަށްޓަކައި ލ. ކުނަހަންދޫ ރައްޔިތުންނަށް އަމާޒުކޮށްގެން ވެސް ޙައްޖު ކޯޕަރޭޝަނުން ވަނީ މިހަރަކާތް ބާއްވައިފައެވެ، މިހަރަކާތް އެރަށުގައި ކުރިއަށް ގެންދިޔައީ ކުނަހަންދޫ ކައުންސިލްގެ އިދާރާގައި ބާވާފައެވެ. މިއީ އެ ކޯޕަރޭޝަނުން ސިލްސިލާކޮށް ކުރިއަށް ގެންދާ ހަރަކާތެކެވެ.