ރަޝިޔާއިން ޔޫކްރެއިންގައި ހަނގުރާމަ ފެށުމާ ގުޅިގެން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ދެމެހެއްޓުމަށްޓަކައި މާސްޓަރކާޑާއި ވިސާގެ ޚިދުމަތްތައް ރަޝިޔާގައި މެދުކަނޑާލަނީ ކަމަށް އެފަރާތްތަކުން އަންގައިފިއެވެ.
މާސްޓަރކާޑް އިން ބުނީ ރަޝިއާގެ ބޭންކުތަކުން ދޫކުރާ ކާޑުތައް މާސްޓަރކާޑްގެ ނެޓްވޯކުން ދެން ސަޕޯޓް ނުކުރާނެ ކަމަށާއި އަދި ބޭރުގައުމުތަކުން ދޫކުރާ އެއްވެސް މާސްޓާކާޑެއްވެސް ރަޝިއާގައި މުއަމަލާތު ކުރުމަށް ބޭނުމެއް ނުކުރެވޭނެ ކަމަށެވެ.
ވިސާ އިން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ވިސާގެ ހުރިހާ މުއާމަލާތެއް ހުއްޓާލުމަށް ރަޝިއާގެ ކްލަޔަންޓުންނާއި ޕާޓްނަރުންނާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މި ދެ ކުންފުނިން މި ދެބަޔާން ނެރެފައި ވަނީ 16 މިނެޓުގެ ދުރުމިނުގައެވެ. މި ދެކުންފުނީގެ މި އިއުލަން އައިސްފައި ވަނީ ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އާއި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާ ދެމެދު ބޭއްވި ޕްރައިވެޓް ވީޑިއޯ ކޯލަކަށްފަހުއެވެ.
ކެލިފޯނިއާގެ ޑިމޮކްރަޓެއް ކަމަށްވާ ރެޕް ބްރެޑް ޝަރމަން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ރަޝިއާއަށް މާސްޓާކާޑް އަދި ވިސާގެ ޚިދުމަތް މެދު ކަނޑާލުމަށް ޒެލެންސްކީ އެދިވަޑައިގަތް ކަމަށެވެ.