ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ސަރަހައްދީ އަދި ދުނިޔޭގެ ފެންވަރުގައި ވެސް ނޭދެވޭ ނަތީޖާތަކެއް ނުކުމެދާނެ ކަމުގެ މައުލޫމާތު އެމެރިކާއިން ވަނީ ޕާކިސްތާނަށް އަންގާފައެވެ. ޕާކިސްތާނުން ޗައިނާއާ އެއްގަލަކަށް އަރާފައި ރަޝިޔާ ކުށްވެރި ކުރަމުން ނުދާތީ، މި ހަފްތާގެ ކުރީކޮޅު ޔޫރަޕްގެ 23 އެމްބެސެޑަރުންގެ ގްރޫޕަކުން ޕްރެސް ރިލީޒެއް ނެރެން އުޅުމުން ޕާކިސްތާން ފޮރިން މިނިސްޓްރީން ވަނީ އެކަމާ ދެކޮޅު ހަދާފައެވެ. ޕާކިސްތާނުން ބުނެފައި ވަނީ މެހުމާންދަރީ އަދާ ކުރާ ގައުމަށް ފިއްތުމަށް މިފަދަ ފިޔަވަޅެއް އެޅުމަކީ ޑިޕްލޮމެޓިކް އާދަކާދައިގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ.

އެމެރިކާގެ ޚާރިޖިއްޔާގެ ތަރުޖަމާނަކު ޑޯން ނޫހާ ވާހަކަ ދައްކަމުން ވަނީ ރަޝިޔާއިން ޔޫކްރެއިންއާ ދެކޮޅަށް އަސްކަރީ ގޮތުން ކުރި ހަނގުރާމައިގެ ސަބަބުން ސަރަހައްދަށާއި ދުނިޔޭގެ ސަލާމަތަށް ކޮށްފާނެ އަސަރުތަކާ ބެހޭ ގޮތުން ޕާކިސްތާނު ސަރުކާރަށް މައުލޫމާތު ދީފައި ކަމަށެވެ. ނަމަވެސް ޕާކިސްތާނުން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބަސެޑަރ މުނީރު އަކްރަމް ވިދާޅުވީ، ޔޫކްރެއިންގައި ސުލްހަ ގާއިމުކުރުމަށް ކުރެވެން ހުރި ހުރިހައި މަސައްކަތަކަށް ތާއީދުކުރާ ކަމަށެވެ.

އޭނާ ވިދާޅުވީ މި މައްސަލައިގައި ޕާކިސްތާނުން ގެންގުޅޭ ގޮތް އެއީ ރަޝިޔާއަށް ތާއީދުކުރުން ކަމަށް މާނަކުރުމަކީ ވަރަށް ވިޔާނުދާ ކަމެއް ކަމަށެވެ.

ޕާކިސްތާނަކީ ޗައިނަގެ މުހިންމު ގާތް ގާތް ބައިވެރިއެކެވެ. އެމެރިކާއިން ބޭނުން ވަނީ މިކަމުގައި ވަކިކޮޅަކަށް ނުޖެހި ތިބި 35 ގައުމުން ވެސް މިކަމުގައި ހަރުދަނާ ވިސްނުމެއް ގެންގުޅުމަށެވެ.

ޕާކިސްތާނުން ބުނި ގޮތުގައި އދގެ އާންމު މަޖިލީހުގެ ގަރާރަކީ ވަކި ފަރާތަކަށް ޖެހިފައިވާ ގަރާރެކވެ.

"ނޭޓޯގެ ފުޅާމިނާ މެދު ރަޝިޔާއިން ކަންބޮޑުވޭ، އެ ކަންބޮޑުވުންތައް ގަރާރުގައި ވެސް ފާހަގަކޮށްފައެއް ނުވޭ،" ޔޫރަޕާއި އުތުރު އެމެރިކާގެ 28 ގައުމެއްގެ މައްޗަށް ހިމެނޭ ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަންގެ އަސްކަރީ އެލަޔަންސަށް އިޝާރާތް ކުރައްވައި އަކުރަމް ވިދާޅުވި އެވެ. ނަމަވެސް ރަޝިއާ-ޔޫކްރެއިން ހަނގުރާމައާ ގުޅޭ ގޮތުން ޔޫރަޕްގެ ގައުމުތަކާ އެކު މުއާމަލާތް ކުރުން ކުރިއަށް ދާ ކަމަށް އޭނާ އެއްބަސްވެވަޑައިގަތެވެ.