އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއު މެދުކަނޑާލަން ޖެހުނީ އެ މަޝްރޫއު މިހާރު އޮތްގޮތުން ތިމާވެއްޓަށް ކުރާނެ ބައެއް ގެއްލުންތައް ފާހަގަވެފައިވާތީކަމަށް އެންވައިރޮމެންޓް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝައުނާ ވިދާޅުވީ މަޝްރޫއުއިން ތިމާވެއްޓަށް ކުރާނެ ބައެއް ގެއްލުންތައް ދެނެގަނެވިފައިވާތީ، މިނިސްޓްރީން މިވަގުތު ދަނީ އެ އަސަރު ވީހާވެސް ކުޑަކޮށް ކުރާނެ ގޮތެއް ހޯދުމަށް ކަމަށެވެ. އަދި އެއަށް ފަހު މަސައްކަތް ވީހާވެސް އަވަހަށް ފަށާނެކަމަށް ޝައުނާ ވިދާޅުވި އެވެ. އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ހުއްޓާލަން ޖެހުނު ސަބަބާއި ގުޅޭގޮތުން ސުވާލު ކުރެއްވީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފެވެ.

އައްޑޫއަކީ ރާއްޖޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ސަރަހައްދަށްވެފައި ބޯހިޔާވަހިކަމުގެ މައްސަލަތަކާއި، ބިމުގެ ދަތިކަން އިންތިހާއަށް އޮތްކަން ގަބޫލު ކުރާކަމަށް ޝައުނާ ވިދާޅުވި އެވެ. މި މައްސަލަ ހައްލު ކުރަންޖެހޭކަން ފާހަގަކޮށް ޝައުނާ ވިދާޅުވީ އައްޑޫގެ ތަރައްގީއަށް ސަރުކާރުން ހުރަސް ނާޅާނެކަމަށެވެ. ބިން ހިއްކުމުގެ މަސައްކަތް ފެށުމުގެ ގޮތުން ތިމާވެއްޓަށް ކުރާނެ އަސަރުތައް ދެނެގަތުމުގެ ގޮތުން ހެދި އެންވައިރޮމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓުން ދެއްކީ އައްޑޫގެ ފަޅުން ބޮޑުބައެއް ހިއްކައިގެން ތިމާވެއްޓަށް އޭގެ ބޮޑެތި ނޭދެވޭ އަސަރުތަކެއް ހުރިކަން ކަމުގައި ޝައުނާ ވިދާޅުވި އެވެ.

މިކަންކަން އިތުރަށް ދެނެގަތުމުގެ ގޮތުން މިއަދުގެ މެންދުރު ފަހު ޕްލޭނިން މިނިސްޓްރީ އާއި، އެންވައިރޮމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އާއި އެކު ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާކަން ޝައުނާ ހާމަކުރެއްވި އެވެ. މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ކަމާއި ބެހޭ އިދާރާތްތަކާއި އެކު ކުރިޔަށް ގެންދާ މި މަޝްވަރާތަކަށް ފަހު ތިމާވެއްޓަށް އެންމެ ގެއްލުން ކުޑަ ގޮތެއް ހޯދޭނެކަމުގެ އުންމީދު ކުރާކަމަށެވެ.

"އައްޑޫގެ ތަރައްގީއަކީ.. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި، މި މައްސަލަތައް ހައްލު ކުރެވޭނެ ގޮތްތަކާއި، މޫސުމަށް މި އަންނަ ބަދަލުތަކާއި އެކީ، އައްޑޫގެ ރީތި ކަމާއި، އައްޑޫގެ ވެއްޓާއި، އައްޑޫގެ މާހައުލީ ނިޒާމު ރައްކާތެރި ކުރެވޭނެ ގޮތްތަކާއި މެދު ވެސް ވިސްނާފައި ކުރަން ޖެހޭ ކަމެއް،" ޝައުނާ

އައްޑޫގެ ތަރައްގީއަށް ހުރަސްއަޅަނީތޯ ބުނެ މެމްބަރު ޝަރީފް އަމާޒު ކުރި ސުވާލުގައި ޝައުނާ ވިދާޅުވީ، އޭނާ ވެސް ނިސްބަތްވަނީ އައްޑޫ ސިޓީއަށްކަމަށާއި އައްޑޫ ރައްތިތުންގެ ކަންބޮޑުވުމާއި، އިހުސާސްތައް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.

"އަޅުގަނޑަށް އެނގޭ އެއް ޖެނެރޭޝަނުން އަނެއް ޖެނޭޝަނަށް.... މިހެން ގޮސް ތިން ޖެނެރޭޝަނަށް އެއް ފުރާޅެއްގެ ދަށުގައި ދިރިއުޅޭކަން ވެސް އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭ.. އަޅުގަނޑަށް އެނގޭ ރައްޔިތުން ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ މިންވަރު ވެސް.. އަދި ބިމުގެ ދަތިކަން ވެސް އަޅުގަނޑަށް އިހުސާސް ކުރެވޭ" ޝައުނާ

ތަރައްގީއާއި ގުޅޭގޮތުން ވާހަކަ ދައްކައި މަޝްވަރާތައް ކުރާއިރު މޫސުމަށް އަންނަ ބަދަލުތަކާއި އެކު ރާއްޖެއަށް ވެދާނެ ގޮތަކާއި މެދު ވިސްނަން ޖެހޭކަން ޝައުނާ ފާހަގަ ކުރެއްވި އެވެ. ތިމާވެއްޓަށް ލިބޭ ގެއްލުމަކަށް ރިއާޔަތް ކުރުމަކީ އައްޑޫއަށް ލިބެން އޮތް ކުރިއެރުމަކަށް ހުރަސް އެޅުން ނޫންކަމަށާއި، އެފަދަ ވިސްނުމެއް ވެސް ނެތްކަމަށް ޝައުނާ ވިދާޅުވި އެވެ.

އައްޑޫގެ ތަރައްގީއަށް މަސައްކަތް ކުރާއިރު އެ ސިޓީގެ ރަށްތަކުގެ ވެއްޓާއި، ދިރުމަށް ކުރާނެ އަސަރުތަކާއި މެދު ވިސްނަން ޖެހޭކަމަށް ޝައުނާ ވިދާޅުވި އެވެ. މިކަންކަމަށް އެއްވެސް ވަރަކަށް ބެލުމެއް ނެތި އިންފްރާސްޓްރަކްޗާ ޑިވޮލޮޕްމެންޓުތައް ގެނައުމުން ދެން ވާ ގެއްލުންތައް ވަރަށް ކައިރިން ފެނިގެން ގޮސްފައިވާކަމަށް ޝައުނާ ވިދާޅުވި އެވެ.

"އެއްފަޅިން ގިރާނެ... އަނެއް ފަޅިން ފެންބޮޑުވާނެ.. އެއްފަޅިން އުދަ އެރީމަ އަޅުގަނޑުމެންގެ ރަށްތަކަށް ލިބޭ ގެއްލުން އިންތިހާއަށް ބޮޑު... އީއައިއޭ ރިޕޯޓުން އަޅުގަނޑުމެންނަށް އެނގޭ އެއްޗަކީ.. އެއީ ސައިންސް އިނގޭތޯ.. އަޅުގަނޑުމެންނަށް އެނގޭ އެއްޗަކީ އައްޑޫގެ ބިން ހިއްކުމުގެ ޕްރޮޖެކްޓާއި ގުޅިގެން އައްޑޫގެ 52 ޕަސަންޓު ލެގޫން އޭރިއާ އެނގޭތޯ.. އަދި ކަރަންޓު އުފެދޭނެ ނިޒާމެއް ނެތް އައްޑޫގައި" ޝައުނާ

ޝައުނާ ވިދާޅުވީ މިފަދަ ސަބަބުތަކާއި ހުރެ މަސައްކަތްތައް ކުރަންވާނީ މާހައުލީ ނިޒާމަށް އެންމެ ކުޑަ އަސަރު ކުރާނެ ގޮތެއް ހޯދައި ދެނެގަނެ ދިރާސާތައް ހެދުމަށްފަހު ކަމަށެވެ.

"އަޅުގަނޑުމެންނެއް އެ ޕްރޮޖެކްޓު ނުހުއްޓުވާނަން.. އަޅުގަނޑުމެންނަށް އެނގޭ އައްޑޫ ރައްޔިތުންގެ އިހުސާސްތައް" ޝައުނާ

މީގެއިތުރުން ޝައުނާ ވިދާޅުވީ އައްޑޫގެ ރައްޔިތުން އެދޭ ތަރައްގީ ހޯދައިދޭން އަބަދުވެސް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.

އައްޑޫގެ ތަރައްގީއާއި ގުޅޭގޮތުން ޝައުނާ ދެއްކެވި ވާހަކައަށް ފަހު މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އައްޑޫގެ ތަރައްގީއަށް އެއްވެސް ހުރަހެއް ނެތްކަން މިނިސްޓަރު ވަރަށް ސާފުކޮށް ވިދާޅުވެދެއްވައިފި ކަމަށެވެ. އަދި މިނިސްޓަރުގެ ވާހަކައިގެ ފާހަގަ ކުރެއްވި ގޮތަށް ސައިންސް ދައްކައިދޭ މަންޒަރުތައް ބެލުން އެއީ ބޭނުންތެރި ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

އައްޑޫގެ ބިން ހިއްކުމުގެ ޕްރޮޖެކްޓަކީ އެއް ބިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ. މީގެ ދަށުން އައްޑޫގެ އެކި ސަރަހައްދުތަކުން 228 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު މިއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ފަރާތުން މި ސަރުކާރަށް ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގައި ހިމެނޭ މަޝްރޫއެކެވެ.

މި މަޝްރޫއަށް ނެގުމަށް ހަމަޖެހިފައި ވަނީ 6.9 މިލިއަން ކޮޑި މީޓަރުގެ ވެއްޔެވެ. ވެލި ނަގާ އެއްކޮށްލުމުން އެއީ މުޅި އެތެރެވަރީގެ 42 އިންސައްތަ އެވެ.

މަޝްރޫއު ފެށުމުގެ ކުރިން ހެދި އީއައިއޭ ރިޕޯޓު ދައްކާ ގޮތުގައި މަޝްރޫއު ކުރިއަށް ގެންގޮސްފި ނަމަ ގާތްގަނޑަކަށް 21 ހެކްޓަރުގެ މުރަކަ އާއި 120 ހެކްޓަރުގެ މޫދުވިނައިގެ މައްޗަށް ވެލި އެޅި ވަޅުލެވިގެންދާނެއެވެ.