ޔުކްރެއިނުން އައި ޗައިނާ މީހުން ވަނީ ޗައިނާއިން ރަޝިޔާއަށް ބާރު އަޅައިގެން ހަނގުރާމަ ހުއްޓުވަން ޖެހޭނެ ކަމަށް ބުނެފައެވެ. ރަޝިޔާއިން ފެށި ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ޔޫކްރެއިންގައި ތާށިވެފައި ތިބި ޗައިނާގެ ރައްޔިތުން ގޮވައިގެން ހަތަރު ފްލައިޓެއް ވަނީ ގައުމަށް އައިސްފައެވެ.
ޗައިނާގެ ރަސްމީ ނޫސް އޭޖެންސީ ޒިންހުއާ އިން ރިޕޯޓްކުރާ ގޮތުގައި ލަންޒޫ އާއި ޖިނާން ސިޓީއަށް އާދީއްތަ ދުވަހު ދެ ފްލައިޓް އައިސްފައިވެއެވެ. އޭގެ އެއް ދުވަސް ކުރިން ޗައިނާގެ އިވެކުއޭޝަން މަސައްކަތުގެ ފުރަތަމަ ދެ ފްލައިޓް ވަނީ ޒެންގްޒޫ އާއި ހަންގްޒޫއަށް އައިސްފައެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް ދީފައި ނުވެއެވެ. އަދި މި ފްލައިޓްތަކުގައި އައީ ކިތައް މީހުން ކަންވެސް ސާފެއް ނުވެއެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީން ބުނާ ގޮތުން މިހާތަނަށް ތިން ހާސް މީހަކު ވަނީ ޗައިނާއަށް އަނބުރައި ގެނެވިފައެވެ. ޔުކްރެއިންގައި ކިޔެވުމަށާއި ވިޔަފާރިއަށް ޗައިނާގެ ހަ ހާހެއްހައި މީހުން ދިރިއުޅޭ ކަމަށް ލަފާ ކުރެވެއެވެ.
އެހެން ގައުމުތަކުން އެ ގައުމުތަކުގެ ރައްޔިތުން އަނބުރައި ގެނައުމުގެ މައުލޫމާތު ހާމަ ކުރަމުން ދިޔަ ނަމަވެސް ޗައިނާއިން އެގައުމުގެ ރައްޔިތުން ގެނައުމާ ބެހޭ ތަފްސީލެއް ހާމައެއް ނުކުރެއެވެ.