އެމެރިކާގެ އަމިއްލަ ކުންފުންޏަކުން އުފެއްދި ޖައްވީ އުޅަނދެއްގައި ފުރި ހަތަރު ފަޅުވެރިން އެމީހުންގެ ކެޕްސޫލްގައި މިހާރު ދަނީ ބައިނަލްއަގްވާމީ ޖައްވީ ސްޓޭޝަނަށް ދަތުރު ކުރަމުންނެވެ. 27 ގަޑި އިރުގެ ދަތުރަކަށްފަހު މިމީހުން އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ލަފާނެއެވެ.
ކުރިން ރާވާފައި އޮތް ގޮތަށް މިމީހުންނަށް ހޮނިހިރު ދުވަހު ފުރުނުނަމަ، އަށް ގަޑިއިރުގެ ދަތުރަކަށް ފަހު ސްޕޭސް ސްޓޭޝަނަށް ލެފުނީހެވެ. ނަމަވެސް ތޫފާން އީޓާއާ ހެދި ދަތުރު އެއްދުވަހަށް ލަސްކުރަން ޖެހުނީއެވެ.
ޖަޕާންސްގެ ޖައްވީ އިދާރާގެ ސޮއިޗީ ނޮގޫޗީއާއި މައިކަލް ހޮޕްކިންސްއާއި ވިކްޓަރ ގްލެވަރއާއި ޝެނޮން ވޯކަރ ދަތުރުކުރަމުންދާ ރޮކެޓަކީ އީލޮން މަސްކްގެ ސްޕޭސް އެކްސްއިން ބޯއިންގ ކުންފުންޏާ ގުޅިގެން އުފައްދާފައިވާ އެތައް ދަތުރަކަށް ބޭނުން ކުރެވޭ ވައްތަރުގެ ކެޕްސޫލެކެވެ. މިއީ ފާޚާނާވެސް ހަރުކޮށްފައިވާ އުޅަނދެކެވެ.
މި ފަޅުވެރިން ޖައްވީ ސްޓޭޝަންގައި ތިބޭއިރު ކުރާނެ ތަޖުރިބާތަކުގެ ތެރޭގައި ޖައްވުގައި، ބިމަށް ދަމާބާރު އިންތިހާއަށް ދަށްވެގެން ދިއުމުން، ހިތުގެ ޓިޝޫތަކަށް ކުރާނެ އަސަރު ދިރާސާ ކުރުން ހިމެނެއެވެ. މީގެ އިތުރުން "ދަނޑުވެރިކަން" ވެސް ކުރާނެއެވެ.
ޖައްވީ ދިގު، ދުރު ދަތުރުގައި ކާނާ އުފެއްދުމާ ބެހޭ ގޮތުން ކުރާ ތަޖުރިބާގެ ތެރޭގައި ރެޑިޝް އިންދައި ފެޅުވުމުގެ ތަޖުރިބާތައްވެސް މި މީހުން ކުރާނެއެވެ.
ޓެސްޓް އުދުހުމެއްގައި ސްޕޭސް އެކްސްގެ ކެޕްސޫލެއް ބޭނުންކުރީ މިއަހަރުގެ މޭ މަހުގެ ތެރޭގައެވެ. އެއަށްފަހު ސްޕޭސް އެކްސްގެ ޑްރެގަން ކެޕްސޫލްއަކީ ޖައްވީ ދަތުރުތަކަށް އެކަށީގެންވާ އުޅަނދެއްކަމަށް ނާސާއިން ސަނަދު ދީފައި ވަނީ މިދިޔަ މަހުއެވެ.
އީލޯން މަސްކްގެ ސްޕޭސް އެކްސްގެ ޑްރެގަން ކެޕްސޫލް ބޭނުންކޮށްގެން ޖައްވީ ދަތުރުތައް ކުރުމަކީ ނާސާއަށް ލިބުނު ފަޚުރެކެވެ. މި ދަތުރަށް ރޮކެޓް ލޯންޗް ކުރުމަށް ތައްޔާރުވެފައި ވަނިކޮށް، ނާސާއިން ކުރި ޓުއީޓެއްގައި ބުނެފައި ވަނީ "އެމެރިކާ ފަސްގަނޑުން އެމެރިކާގެ ރޮކެޓެއްގައި ނައްޓާލުމަށް އެސްޓްރޮނޯޓުން ތައްޔާރު ވެފައި"ވާ ކަމަށެވެ.
2011ގައި ނާސާގެ ސްޕޭސް ޝަޓްލް އެހެލިފަހުން، ޖައްވަށް މީހުން ފޮނުވަން ބަރޯސާ ކޮށްފައި ވަނީ ރަޝިޔާގެ ސުޔޯޒް ޖައްވީ އުޅަނދުތަކަށެވެ. މީގެ ސަބަބުން އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ބޭނުންވާ ސްޓާފުން ފޮނުވުމުގައި ދަތިތަކާ ދިމާވެފައިވެއެވެ. އެއްފަހަރެއްގައި 13 އެސްޓްރޮނޯޓުން މަސައްކަތް ކުރި ސްޕޭސް ސްޓޭޝަންގައި އެންމެ ތިން މީހުންވެސް ތިބެން ޖެހިފައި ވެއެވެ.
ޑްރެގަން ކެޕްސޫލް ޑިޒައިން ކޮށްފައި ވަނީ ނާސާއިން ބޯއިންގ ކުންފުންޏާއި ސްޕޭސް އެކްސްއަށް ދިން ޑިޒައިނަކަށެވެ. މި އުޅަނދު އުފެއްދުމުގެ ކޮންޓްރެކްޓަށް ނާސާއިން ބޯއިންގއަށް 4.2 ބިލިއަން ޑޮލަރު އަދި ސްޕޭސް އެކްސްއަށް 2.6 ބިލިއަން ޑޮލަރު ފިކްސްޑް ކޮންޓްރެކްޓްގެ ގޮތުގައި ދީފައި ވެއެވެ.
ތިން ފަރާތުން އެއްބަސްވެފައިވާ ގޮތުން މި އުޅަނދަކީ ބޯއިންގއާއި ސްޕޭސް އެކްސްގެ އުޅަނދެކެވެ. އެސްޓްރޮނޯޓުން ޖައްވަށް ފޮނުވުމަށް ނަސާއިން މިއުޅަނދުގައި ދަތުރުތައް ކުރުވާނީއެވެ.
މުސްތަގްބަލުގައި 50 މިލިއަން ޑޮލަރަށް ޓިކެޓް ގަނެވޭ ކޮންމެ މީހަކަށް ޑްރެގަން ކެޕްސޫލްގައި ޖައްވަށް ފަތުރުވެރިއެއްގެ ގޮތުގައި ދެވިދާނެއެވެ.