މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައިދިނުމަކީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ރިޔާސީ ވަޢުދަކަށް ވީހިނދު މަހުގެ އަގު ބޮޑުނުކޮށް ތެލުގެ އަގުބޮޑު ކުރުމަކީ ބަލައި ގަނެވޭނޭ ކަމެއް ނޫންކަމަށް ގދ. މަޑަވެލީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

މަޑަވެލީ ކައުންސިލްގެ ރައީސް ފިޔާޒު ޙަސަން ވިދާޅުވީ ތެލުގެ އަގު ގާތްގާތުގައި ދެ ފަހަރަށް އުފުލިގެން ގޮސްފައިވާ ކަމަށެވެ. އެހެންނަމަވެސް މަސްކިލޯއަކުން ބޮޑުކޮށްފައިވަނީ އެންމެ ރުފިޔާއެއް ކަމަށް އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ކައުންސިލުން އޮންނާނެ ތިޔަކަމާ ބެހޭ ގޮތުން ގަރާރެއްވެސް ނެރެފައި. ގަރާރުގެ މަޤުސަދަކީ ތެލުގެ އަގުބޮޑުވީ ވާހަކައެއް ދެއްކުމެއްނޫން. މަޤުސަދަކީ ރައީސް ޞާލިޙުގެ ވަޢުދާ އެއްގޮތަށް މަހުގެ އަގުބޮޑު ކުރުވުން. މަސްކިލޯއަކުން އެއް ރުފިޔާ ބޮޑުކުރުމަކީ ހަމަ އަގެއްނޫން. މަސްކިލޯއަކުން އެއް ރުފިޔާ ބޮޑުކުރުމުން ކިލޯއެއްގެ މިހާރުގެ އަގަކީ ސަތާރަ ރުފިޔާ. ޑީސެލް ލީޓަރެއްގެ އަގަކީ ސާދަރުފިޔާ އަށްޑިހަ ލާރި،" ފިޔާޒު ވިދާޅުވިއެވެ.

މަހުގެ އަގާއި ތެލުގެ އަގު އަޅާކިޔާއިރު މަސްވެރިންނަށް ލިބެނީ ހަމަ އަގެއް ކަމަށް އެކައުންސިލުން ވެސް އަދި އެރަށުގެ މަސްވެރީން ވެސް ގަބޫލު ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. "މިއަތޮޅުގައި މިވަގުތު އޮތް އެންމެ މަސްވެރި ދެރަށަކީ މަޑަވެއްޔާއި ފަރެސްމާތޮޑާ. މި ދެރަށުގެ މަސްވެރިން ތިބީ މަހުގެ އަގު ބޮޑުނުކޮށް ދެލުގެ އަގު ބޮޑުކުރުމުން އެކަމާ ކަންބޮޑުވެ ނުރުހުންވެފައި،" ފިޔާޒު ވިދާޅުވިއެވެ.

އެންމެފަހުން ތެލުގެ އަގަށް ބަދަލުގެނެސްފައިވަނީ މީގެ ތިން ދުވަސް ކުރިންނެވެ.