މާކަނޑުގައި ދުއްވާ އާގުބޯޓެއްގައި ކެޕްޓަންގެ މަގާމު ފުރާ އިންޑިއާގެ އެންމެ ފުރަތަމަ އަންހެން ކެޕްޓަނަށް އަންހެނުންގެ ދުވަހުގެ މުނާސަބާގައި އިންޑިއާ ސަރުކާރުން އިނާމު ދީފިއެވެ.

ކެޕްޓަން ރާދިކާ މެނަން އަކީ އިންޑިއާގެ މާޗެންޓް ނޭވީގެ އެންމެ ފުރަތަމަ އަންހެން ކެޕްޓަނެވެ.

ކެރެލާގެ ކޮޑަންގަލޯރްގައި އުފަންވެ ބޮޑުވި މެނަން އޭނާގެ ކެރިއަރު ފެށީ އިންޑިއާގެ ޝިޕިން ކޯޕަރޭޝަންގައި ރޭޑިއޯ އޮފިސަރެއްގެ ގޮތުގައި ކޮޗީގެ އޯލް އިންޑިއާ މެރިން ކޮލެޖުގައި ރޭޑިއޯ ކޯހެއް ފުރިހަމަ ކުރުމަށް ފަހު އެވެ.

އަދި 2012 ވަނަ އަހަރު އިންޑިއަން މާޗަންޓް ނޭވީގެ ކެޕްޓަންކަމާއި އިންޑިއަން މާޗަންޓް ނޭވީގެ ފުރަތަމަ އަންހެން ކެޕްޓަންގެ މަގާމު ވެސް އޭނާ ހޯދި އެވެ.

އެހެން އަންހެން ނޭވީ އޮފިސަރުން ކަމަށްވާ ސުނީތީ ބާލާ އާއި ޝަރްވާނީ މިޝްރާގެ އިތުރުން އޭނާ ވަނީ އިންޓަނޭޝަނަލް ވިމެން ސީފެއާރާސް ފައުންޑޭޝަން ގެ ނަމުގައި ފައުންޑޭޝަނެއް އުފައްދައި ޒުވާން އަންހެން ކަލާސީންނަށް ހިތްވަރު ދިނުމަށް މަސައްކަތް ކޮށްފައެވެ.