އެވިޑް ކޮލެޖުން މިއަންނަ މެއި މަހު ފެށުމަށް ހަމަޖެހިފައިވާ އިންޓޭކްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލައިފިއެވެ.

ތަފާތު ދާއިރާތަކުން އެވިޑް ކޮލެޖްގައި ހިންގާ އެކިއެކި ދަރަޖަތަކުގެ ހަތްދިހަ ފަސްކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލީ އެކަމަށްޓަކައި އަންގާރަ ދުވަހު ހެނދުނު އެވިޑް ކޮލެޖްގައި ބޭއްވި ރަސްމިއްޔާތުގައި ޗެއަރމަން ޢަބްދުﷲ މުސްތާޤް ރަޝާދެވެ.

އެވިޑް ކޮލެޖްގައި ކޯސްހިންގާ ދާއިރާތަކުގެ ތެރޭގައި ޝަރީއާ އެންޑް ލޯ އާއި ބިޒްނަސް މެނޭޖްމެންޓް އާއި ހިއުމަން ރިސޯރސް މެނޭޖްމެންޓް އަދި އިންފޮރމޭޝަން ޓެކްނޮލޮޖީ އާއި ޓީޗިންގ ހިމެނެއެވެ. އަދި އެޑިޔުކޭޝަނާއި ސައިކޮލޮޖީ އަދި ކައުންސެލިންގ ވެސް ހިމެނެއެވެ.

މި ދާއިރާތަކުން ސެޓްފިކެޓް ލެވެލް 3 ން ފެށިގެން މާސްޓަރސް ފެންވަރުގެ ކޯސްތައް އެވިޑް ކޮލެޖްގައި ހިންގަމުން ގެންދެއެވެ. މިއިން ކޮންމެ ކޯހަކީވެސް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލްކޮށް ހުއްދަ ދީގެން ހިންގާ ކޯހެކެވެ.

އެވިޑް ކޮލެޖުން މަޢުލޫމާތު ދިން ގޮތުގައި ދިވެހިރާޢްޖޭގެ ކޮންމެ އަތޮޅެއްގައި އަދި ކޮންމެ ރަށެއްގައިވެސް އެވިޑް ކޮލެޖްގެ ކޯސްތައް ހިންގޭނެއެވެ. އަދި ޝަޢުގުވެރިވާ ފަރާތްތަކަށް އެވިޑް ކޮލެޖުން މަރްހަބާ ކިޔާނެއެވެ. އެވިޑް ކޮލެޖުން ހިންގާ ކޯސްތަކުގައި ބައިވެރިވުމަށްޓަކައި އެވިޑް ކޮލެޖްގެ ވެބްސައިޓަށް ޒިޔާރަތްކުރުމަށްފަހު އޮންލައިން ކޮށް އެޕްލިކޭޝަން ފޯރމް ފުރާލެވެނެއެވެ.

ކޯސްތަކުގައި ބައިވެރިވުމުގެ ޝަރުތުތަކާއި ކޯސްތަކުގެ ފީ ގެ ތަފްޞީލް އެވިޑް ކޮލެޖްގެ ވެބްސައިޓުންނާއި އެވިޑް ކޮލެޖްގެ ކޮންމެ ކެމްޕަހަކަށް ޒިޔާރަތްކޮށްގޮންވެސް ލިބޭނެއެވެ.

އެވިޑް ކޮލެޖަކީ ދިވެހިރާއްޖޭގައި އެންމެ ފުޅާ ދައިރާއެއްގައި މަތީތަޢުލީމުގެ ފުރުޞަތު އާންމުންނަށް އަތްފޯރާފަދަ ހެޔޮ އަގެއްގައި ފޯރުކޮށްދޭ އަމިއްލަ އެންމެ ބޮޑު އެއްކޮލެޖެވެ. މިހާރުވެސް އެވިޑް ކޮލެޖްގައި ދެހާހަށްވުރެ ގިނަދަރިވަރުން އެކއެކި ކޯސްތަކުގައި މަތީ ތަޢުލީމު ޙާޞިލްކުރަމުންގެންދެއެވެ.