ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބިލް ތީމް ލަވަ "ނަލަނަލަ ރާއްޖެ" ނެރުމުގެ ރަސްމިއްޔާތުގައި އެ ލަވައަށް ޓިކްޓޮކް ވީޑިއޯ ހެދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޓިކްޓޮކް ވީޑިއޯ ހެދުމުގެ ފުރުޞަތު ހުޅުވާލެއްވި ކަން އިއުލާނުކުރެއްވީ ރޭ ސޯޝަލް ސެންޓަރުގައި އޮތް ރަސްމިއްޔާތުގައި ޓްވަރިޒަމް މިނިސްޓްރީގެ އެކްޒެކްޓިވް ޑިރެކްޓަރ ޠައްޔިބު ޝަހީމެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގެ މީހުނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލި މި ފުރުޞަތުގައި ދިވެހި ރާއްޖެއިން ޓިކްޓޮކް ހަދާމީހުންގެ ތެރެއިން އެއްވަނައަށް ދާފަރާތަކަށް 25000 ރުފިޔާގެ އިނާމެއް ލިބޭނެއެވެ. ދެވަނައަށް ދާ މީހަކަށް 15000 ރުފިޔާއވެ. އަދި ތިންވަނައަށް ދާ މީހަކަށް 10000 ރުފިޔާގެ އިނާމެއް ލިބޭނެކަމަށް ޓްވަރިޒަމް މިނިސްޓްރީން މައުލޫމާތު ދެއްވިއެވެ.

ބިދޭސީންގެ ތެރެއިން މި މުބާރާތުން އެއްވަނަ ހޯދާ މީހަކަށް 8 ދުވަހު ރާއްޖޭގައި ދެ މީހަކަށް ޗުއްޓީ ހޭދަކުރާނެ ފުރުޞަތު ލިބެއެވެ. ދެވަނައަށްދާ ބިދޭސީ އަކަށް 5 ދުވަހު ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރިޞަތު ލިބޭނެއެވެ.

މި މުބާރާތުގައި ބައިވެރިވާ ދިވެހީންނާއި ބިދޭސީން ވަނީ ދެކެޓެގަރީ އަކަށް ބަހާލާފައެވެ. އެގޮތުން ދިވެހިންނަށް ބަހާލައިފައިވާ ދެ ކެޓެގަރީ އަކީ 10000 ފޮލޯވަރުންނަށްވުރެ ގިނަމީހުން ތިބި ޓިކްޓޮކް އެކައުންޓް ތަކާއި އެއަށްވުރެ މަދު މީހުން ތިބި އެކައުންޓް ތަކެވެ. ބިދޭސީން ގެ ކެޓަގަރީތަކަކީ އެއް މިލިޔަން ފޮލޯވަރުން ތިބި އެކައުންޓް ތަކާއި އެއަށްވުރެ މަދުން ފޮލޯކުރާމީހުން ތިބި އެކައުންޓު ތަކެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ހަދަންޖެހޭ ގޮތަކީ ޓްވަރިޒަމް މިނިސްޓރީގެ ޓިކްޓޮކް އެކައުންޓަށްލާ "ނަލަނަލަ ރާއްޖެ" ލަވައިގެ އޯޑިއޯއަށް އަމިއްލަ ވީޑިއޯތައް ހަދަންވީއެވެ. ވަނަތައް ހޮވަނީ އެންމެ ގިނަމީހުން ބަލާ، ހިއްސާކޮށް އަދި ލައިކް ލިބިގެން އެންމެ ގިނަ މީހުންގެ މަގުބޫލުކަން ހޯދާ ވީޑިއޯތަކަށެވެ.

މި މުބާރާތުގައި ބައިވެރިވާ މީހުނަށް މާކްސް ދިނުމަށް ޚާއްޞަ ފަނޑިޔާރުންގެ ޓީމެއް ހިމެނޭނެ ކަމަށް ޓުވަރިޒަމް މިނިސްޓްރީން ހާމަކުރިއެވެ.