ބޮލީވްޑްގެ ސްޕަސްޓާރ ކަތުރީނާ ކެއިފް ރާއްޖޭގައި ކުޅެފައިވާ ޖޫސް އިޝްތިހާރު ތައް ދައްކަން ފަށައިފިއެވެ. ޓީވީ ތަކުންނާއި ޔޫޓިއުބުން މީގެ ދެ ދުވަސް ކުރިން ދައްކަންފެށި އިޝްތިހާރަށް ގިނަ ބައެއްގެ މަގުބޫލުކަންވެސް ލިބިއްޖެއެވެ.

އިންސްޓަގްރާމުގައި އޭނާ ހިއްސާކޮށްފައިވާ ވީޑިއޯ ކޮޅަށް މީހުން ލިޔެފައިވާ ކޮމެންޓްތަކުގެ ތެރޭގައި އެ އިޝަތިހާރު ބެލުމަށް އިންތިޒާރުކުރާވާހަކަ ލިޔެފައިވެއެވެ.

ދިވެހި ރާއްޖެ ރިސޯޓެއްގެ ގޮނޑުދޮށުގައި ކުޅެފައިވާ "ސްލައިސް" މެންގޯ ޖޫސް އިޝްތިހާރުގައި ރާއްޖޭގެ ރީތި މޫދާއި ދޮންވެލި އަތިރި މަތި އަދި ފިނޮޅެއްގެ މަންޒަރު ފެނެއެވެ.

ކެތްރީނާއަކީ ޓޮރޮޕިކާނާ "ސްލައިސް"ގެ ބްރޭންޑްގެ އެންބެސެޑަރެވެ. އޭނާ ސްލައިސްގެ އަނބު ޖޫސް އިޝްތިހާރު ކުރަމުން އެއިން ދޭ ރަހަތައް ބަޔާންކޮށްދީ އެ ޖޫހަކީ އޭނާގެ "ފެވަރިޓް" ކަމުގައި ބުނެފައިވެއެވެ.

މިއީ މިއަހުރު ޖެނުއަރީ މަހު އޭނާ ރާއްޖެ އައިސް ކުޅެފައިވާ އިޝްތިހާރެކެވެ.

ކެތުރީނާ ވިކީ ކޯޝަލް އާއި ކައިވެނި ކުރުމަށްފަހު މިދިޔަ އަހަރު ޑިސެންބަރު މަހު ހަނީމޫނަށްވެސް އައީ ދިވެހި ރާއްޖެއަށެޥެ.

ކެތުރީނާ ބުނެފައިވަނީ ދިވެހިރާއްޖެއަކީ އޭނާ އަށް ވަރަށް ކަމުދާ މަންޒިލެއް ކަމުގައެވެ.