ހއ. ބާރަށު ކުރީގެ ބަނދަރު އަލުން ފުން ކުރުމާއި ނެރު ފުންކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރު ވެއްޖެއެވެ.

މި މަސައްކަތް ކުރުމަށް ހަވާލުވެފައިވާ އެމްޓީސީސީން ވިދާޅުވީ މިކަމަށް ބޭނުންވާ ތައްޔާރީތައް މާރިޗު މަހު 12 ވަނަ ދުވަހު ވެފައިވާ ކަމަށެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މި މަޝްރޫޢަކީ 17.12 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ދަށުން، ކޮނެވޭ ނެރުގެ ދިގު މިނަކީ 755 މީޓަރެވެ. ފުޅާ މިނަކީ 33 މީޓަރެވެ. މި ނެރުކޮނުމަށް ހަމަޖެހިފައިވަނީ 8 މީޓަރުގެ ފުންމިނަށެވެ.

މީގެ އިތުރުން މިހާރު ބޭނުންކުރަމުންދާ ބަނދަރު 5.3 މީޓަރަށް ފުންކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

ވޭތުވެދިޔަ 3 އަހަރުތެރޭ އެމްޓީސީސީން ވަނީ ބަނދަރު ހެދުމާއި، ބިން ހިއްކުމާއި އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ.

1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ. ޚާއްސަކޮށް އެކުންފުނީގެ މިހާރުގެ މެނޭޖިންޑިރެކްޓަރ އާދަމް އާޒިމް ކުންފުނި ހިންގަން ހަވާލުވެ ވަޑައިގެންނެވުމާއެކީ ކުންފުނީގެ މަސައްކަތްތައް ވަނީ ކުރިއަށްވުރެ ބޮޑަށް އަވަސްވެފައެވެ.