ދިވެހިރައްޔިތުން ކޮވިޑާއެކު ހޭދަކުރި ދެ އަހަރުގެ ތެރޭގައި ވަރަށް ގިނަ ދަތިތަކާއި އުނދަގޫތައް ވަނީ ތަހައްމަލް ކޮށްފައި ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އާދީއްތަދުވަހުގެރޭ ގައުމާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައިވަނީ ސިއްހީ މާހިރުންގެ ލަފައާއި އިރުޝާދުގެ މަތީން ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައްވައިފި ކަމަށް ވިދާޅުވެފައެވެ.

އެމަނިކުފާނު ވިދާޅުވީ ކޮވިޑް ގެއްލުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ނުލިބޭ އާއިލާއެއް ރާއްޖޭގައި ނެތް ކަމަށެވެ. "ކޯވިޑުގެ ގެއްލުންތައް ސީދާގޮތުންނާއި ނުސީދާގޮތުން ނުފޯރާ އެންމެ އާއިލާއެއްވެސް ރާއްޖޭގައި ނެތް. ކޮވިޑް ބަލީގެ ނުސީދާ އުނދަގޫތައް ތަހައްމަލްކުރާ އެތައް ބަޔަކު މިހާރުވެސް އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި. މި ބަލީގައި ރާއްޖެއިން މިހާތަނަށް297 މީހުން މި ދުނިޔެ ދޫކޮށްފި،" ރައީސް ވިދާޅުވިއެވެ. އެ އެންމެހާ މީހުންނަށް މާތް ﷲ ހެޔޮ ރަޙްމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާކުރައްވާ ކަމަށާއި ކޯވިޑް ބަލީގެ ވޭން ތަޙައްމަލް ކުރަމުންދާ ހުރިހާ އެންމެންނަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުން އެދި ދުޢާކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ކޯވިޑް ފެތުރެން ފެށިތާ ވަރަށް ކުރީކޮޅު، ބަލިން ރައްކާތެރިވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުއްވި ކަމަށެވެ. ނަތީޖާއަކަށްވީ، ކޮވިޑް ކޮންޓްރޯލް ކުރެވޭ ގައުމުތަކުގެ އެންމެ އިސް ސަފުގައި ރާއްޖެ ހިމެނި، އިގްތިސާދީ އަދި އިޖުތިމާއީ ހަރަކާތްތައް އަވަހަށް ފެށުމަށް މަގުފަހިވުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް، ކޮވިޑްގެ ވަބާއީ ހާލަތަށް އިޖާބަ ދިނުމުގައި ރާއްޖެއިންވެސް މިހާރު އަމާޒު ހިފާފައިވަނީ، ބަލީގެ ނުރައްކާ ބޮޑު މީހުން ރައްކާތެރިކުރުމަށާއި، އެނދުމަތިކުރަންޖެހޭ މީހުންނާއި، މަރުވާ މީހުންގެ ނިސްބަތް މަދުކުރުމަށް. އަދި ކޮވިޑް-19އާ ގުޅިގެން ދޭންޖެހޭ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދެވޭނެ މިންވަރަށް ބަލީގެ ހާލަތު ބަލަހައްޓަމުން ގެންދިޔުމަށް،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ކޯވިޑުގެ ނުރައްކާތެރިކަން އަދިވެސް ބަލަމުން އަންނަނީ ވަބާއެއްގެ ގޮތުގގައި ކަމަށެވެ. އެހެންކަމުން، ބަލީގެ ހާލަތު ނުރައްކާތެރިވާފަދަ އައު ބާވަތެއްގެ ވައިރަހެއް އުފެދިއްޖެނަމަ، އެކަންކަމަށް ރިއާޔަތްކޮށް ފިޔަވަޅުތައް އެޅުމަށް ތައްޔާރަށް ތިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. "އެގޮތުން، ކުރިމަގުގައި ކޮވިޑް-19 އަށް އިޖާބަ ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ނޭޝަނަލް ސްޓްރެޖީއާއި އެކްޝަން ޕްލޭނެއް، މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅުއްވައިގެން ކުރިއަށް ގެންދަވާނެ،" ރައީސް ވިދާޅުވިއެވެ.