ކ. ހިންމަފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ދެވަނަ ފިޔަވަހީގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ގައު އެތުރުމުގެ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ. އޭގެ އިތުރުން އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ވެސް މިހާރުވަނީ ނިމިފައި ކަމަށް އެކުންފުނީން ވިދާޅުވިއެވެ. މިހާރު ކުރިއަށްދަނީ އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައް ކަމަށްވެސް އެކުންފުނީން ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން، އައު ހާބަރ ބޭސިންގެ 14،300 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ވަނީ ފުންކޮށްފައެވެ. އޭގެ އިތުރުން 38 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 248 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ވެސް ހިމެނެއެވެ. މީގެ އިތުރުން ވެސް 172 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނޭއެވެ.

މިއީ ސަރުކާރުން 25.88 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ހިންގާ މަޝްރޫޢެކެވެ.

ވޭތުވެދިޔަ 3 އަހަރުތެރޭ އެމްޓީސީސީން ވަނީ ބަނދަރު ހެދުމާއި، ބިން ހިއްކުމާއި އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ