ރަޝިޔާއާއި ޔޫކްރައިނާ ދެމެދު ހިންގަމުންދާ ނުރައްކާތެރި ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވެސް އެކަމުގެ އަސަރު ފޯރަން ފަށައިފި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހޯމަވިލޭރޭ ގައުމާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ "ކޮވިޑުގެ އަޑިގަނޑުން އަރައިގަނެ ހިންދެމިލާއިރު، ވަރަށް ނުރައްކާތެރި ބަނަ ވިލާގަނޑެއް އަނެއްކާވެސް އެ އަންނަނީ އަޅުގަނޑުމެންގެ ބޯމައްޗަށް އަރަމުން. އާދެ، ރަޝިޔާއިން ޔޫކްރޭންގައި ކުރަމުންދާ ނުރައްކާތެރި ހަނގުރާމަ. އެ ހަނގުރާމައިގެ ލޮޅުންތައް އެދަނީ މުޅި ދުނިޔެއަށް ގުޑުން އަރުވަމުން. ހަނގުރާމަ އެ ހިނގަނީ ރާއްޖެއާ އެތައް މޭލެއް ދުރުން ވިލާތުގެ ބައްރުގައި،" ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް އެ ހަނގުރާމައިން އުފެދޭ އިގްތިސާދީ ލޮޅުންތައް، ދުރާއި ގާތުގައިވާ ހުރިހާ ގައުމަކަށް ފޯރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރަޝިޔާއާއި ޔޫކްރެއިނަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ދެ ގައުމެވެ. އެހެންކަމުން، ރާއްޖޭގެ އިގްތިސާދަށްވެސް ނުރަނގަޅު އަސަރުތަކެއް ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ހަނގުރާމަ ކޮންމެ ދުވަހަކުން ކޮންމެ ގޮތަކަށް ނިމުނަސް، ޔޫކްރެއިން މިހާރު އޮތް ޙާލަތުން އަރައިގަތުމަށް އަހަރުތަކެއް ހޭދަވާނޭ ކަމަށެވެ. އަދި މި ހަނގުރާމައިން ދުނިޔޭގެ އިގްތިސާދަށް ލިބޭ ގެއްލުންތައް ފޫބައްދަންވެސް އެހާ ދުވަސް ހޭދަވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "އެހެންކަމުން، ޔޫކްރެއިން މައްސަލައާ ގުޅިގެން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން މި އަންނަނީ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން،" ކަމަށް ވެސް ވިދާޅުވިއެވެ.

މި ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އަންނާނެ ކަމަށް ލަފާކުރެވޭ ބަދަލުތައް ދިރާސާކޮށް، ފަތުރުވެރިކަމަށް އިތުރު މާރކެޓްތައް ހޯދުމުގެ މަސައްކަތް، މިނިސްޓްރީ އޮފް ޓޫރިޒަމާއި، މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ)އިން ވެސް މިހާރުއަންނަނީ ކުރައްވަމުން ކަމަށް ރައީސް ވިދާޅުވިއެވެ.