ސަރުކާރުން 28.42 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ށ. ބިލެއްފަހި ބަނދަރު ތަރައްޤީ ކުރުމަށް ހިންގާ މަޝްރޫއުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ. އެކުންފުނީން ވިދާޅުވެފައިވަނީ މި މަޝްރޫޢުގެ މަސައްކަތުގެ 77 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

އެމްޓީސީސީން ވިދާޅުވީ އެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ތިންވަނަ ޝިޕްމަންޓް ވެސް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެނެސްފައި ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، ބަނދަރު ހެދުމަށްޓަކައި 50،376 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، 181 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 170 މީޓަރުގެ ސަަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 434 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 1565 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ. މީގެ އިތުރުން މަގުބައްތި އާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.