ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫގެ މައްޗަށް ހެކި ހޯދިކަމަށް ބުނާ ފޯނެއް ދިވެހި ދަޢުލަތުގެ ބެލުމުގެ ދަށުގައި ނޯންނާނެ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ. އޭނާ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ މައްޗަށް ހެކި ހޯދިކަމަށްބުނާ ސައްޙަ “ޗެއިން އޮފް ކަސްޓަޑީއެއް”ވެސް ނޯންނާނެ ކަމަށެވެ. "ބާތިލު ދަޢުވާއަކީ އަނިޔާ. ޕީޖީ ޝަމީމާ ޤާނޫނު އަރާ ހަމަކުރާނެ. މީހުންނަށް ނުޙައްޤުން އަނިޔާދީފައި ސަލާމަތެއް ނުވެވޭނެ،" އަލީ ވިދާޅުވެފައިވެއެވެ.

އާރަށު މައްސަލައާ ގުޅިގެން ރައީސް ޔާމީނުގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ވެސް ވަނީ ބާއްވައިފައެވެ. އެ މައްސަލާގައި ރައީސް ޔާމީނާ ދެކޮޅަށް އުފުލައިފައިވަނީ މަނީލޯންޑަރިންގެ ދަޢުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދަޢުވާއެވެ. އެމަނިކުފާނަށް ރިޝްވަތު ދެއްވި ކަމަށް ތުހުމަތު ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށެވެ. އޭނާގެ މައްޗަށްވަނީ ވަނީ ރިޝްވަތު ދިނުމުގެ ދަޢުވާ އުފުލާފައެވެ. މިއަދުގެ އަޑު އެހުމުގައި ވެސް ރައީސް ޔާމީނާއި ޔޫސުފް ނައީމްގެ ފަރާތުން ވެސް އެދިވަޑައިގަތީ ހެކި ހުށަހެޅުމަށް އިތުރު ފުރުސަތަކަށެވެ. ގާޒީ ވަނީ އެކަމަށް ފަސް ދުވަހުގެ މުހުލަތެއް ދެއްވައިފައެވެ.

މިފަދަ ފުރުސަތަކަށް އެދިވަޑައިގެންނެވީ ހެކިންނާ ބެހޭ ބައެއް މައުލޫމާތު ފުރިހަަމަ ކުރެވިފައި ނުވާތީއެވެ.