ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) މެނޭޖިންޑިރެކްޓަރަކަށް ހުންނެވި އާދަމް މުޙައްމަދު އެ މަޤާމުން ވަކިކުރައްވައިފިއެވެ. އޭނާ ވަކި ކުރެއްވުމަށްފަހު ވަނީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުކަމަށް އައްޔަން ކުރައްވައިފައެވެ. މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ ކަމަށް އޭނާ އައްޔަން ކުރެއްވީ ކުރިން އެމަގާމުގައި ހުންނެވި އަޙުމަދު ޝަފީގު ވަކިކުރެއްވުމަށްފަހުއެވެ.

މީގެ ކުރިން ސަރުކާރުން ވަނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި މުޣުނީ އެމަގާމުން ވަކިކުރައްވައި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ސްޓޭޓު މިނިސްޓަރަކަށް އައްޔަން ކުރައްވައިފައެވެ. އޭނާެގެ ބަދަލުގައި ސްޓެލްކޯއަށް އައްޔަން ކުރެއްވީ ކުރީގެ އިލެކްޝަންސް ކޮމިޝަނަރ އަޙުމަދު ޝަރީފް އާދަމެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީސީބީ) ވިދާޅުވެފައިވަނީ ވެމްކޯގެ އެމްޑީ ކަމުންނާއި ބޯޑު މެމްބަރު ކަމުން އާދަމް މުޙައްމަދު ވަކިކުރެއްވީ ހޯމަދުވަހު ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރަކަށް ދެން ހަމަޖައްސަވާނީ އިބްރާހީމް ރަޝީދު (މާމިގިލީ އިބޫ) އެވެ.