ޕީޕީއެމް ފޯކަސް ކުރަންވީ ރައްޔިތުން ބޭނުންވާ ބަދަލު ގެނެސްދޭން ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އަދި ވެސް ރާއްޖެއަށް ތަރައްގީ ގެނެސްދެވޭނީ ޕީޕީއެމަށް ކަމަށެވެ.

އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓާ ބެހޭ ގޮތުން މަޖިލީހުގައި ބަހުސް ކުރަމުންދާ މި ދަނޑިވަޅުގައި އޭނާ ވިދާޅުވީ ރައީސް ޢަބްދުﷲ ޔާމީނާ މިއަދު ބައްދަލު ކުރެއްވި ކަމަށެވެ.

އެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި މި ސަރުކާރުން ގެންދަވަނީ ޖުޑިޝަރީއަށް ނުފޫޒު ފޯރުވަމުން ކަމަށާއި އެކަން އެމަނިކުފާނު ކުށްވެރި ކުރެއްވި ކަމަށް ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ. އަދި "ޕްރައިވެޓައިޒޭޝަން ގެ ނަމުގައި ކުންފުނިތައް ނީލަން ކިޔުން އަދި ކޮސްމެޓިކް ބަޖެޓު ކުށްވެރި ކުރެއްވި،" ކަމަށް ވެސް ޑރ. ޖަމީލްގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ޑރ. ޖަމީލަކީ ރައީސް ޔާމީންގެ ވެރިކަން ވައްޓާލުމަށް އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެހެން ނަމަވެސް އެމަނިކުފާނު މިހާރު ވަނީ އަލުން ޕީޕީއެމަށް ސޮއި ކުރައްވައި ރައީސް ޔާމީނާ ބައްޔަތު ހިއްޕަވާފައެވެ.