ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ހިއްސާ އޮންނަ ކުންފުންޏަކުން ހިންގި "ފްރޯޑް" ގެ ބޮޑު މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

އަލްހާންގެ ހިއްސާ އޮންނަ ކިންގްސް ފޮރެކްސް ޓްރޭޑިންގެ މައްސަލައާ ބެހޭ ގޮތުން ފުލުހުން ބުނީ އެކަން ސަމާލުކަމަށް އައިސްފައިވާތީ އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. އެކަމަކު އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ.

އެ މައްސަލަ ފެންމަތިވުމާ ގުޅިގެން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވެސް ވަނީ އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ހިންގަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ކިންގްސް ފޮރެކްސް ޓްރޭޑިންގެ މައްސަލަ އާންމުންގެ ސަމާލުކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ގެނައި މިދިޔަ ބުރާސްފަތި ދުވަހުގެ ރެ އެވެ. އެތަނުން ނެރުނު ބަޔާނެއްގައި ބުނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ އާންމުންގެ އަތުން ފައިސާ ހޯދުމަށްޓަކައި، ފޭސްބުކް އާއި ޓެލެގްރާމް ފަދަ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ ސްކީމެއްގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

އެހެންވެ އެފަދަ މުއާމަލާތްތަކާ މެދު ސަމާލުވެ، އެފަދަ ސްކީމްތަކުގައި ބައިވެރި ނުވުމަށް އެމްއެމްއޭ އިން އިލްތިމާސްކޮށްފައިވެ އެވެ.

މި މައްސަލައާ ގުޅިގެން ކިންގްސް ފޮރެކްސް ޓްރޭޑިންގެ އެކައުންޓް ބީއެމްއެލް އިން ފްރީޒްކޮށްފައިވެ އެވެ.