ޕީޕީއެމްގެ ކައުންސިލް މެންބަރު ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދުގެ ބައްޕަ މ. ޒޭވަރު، ޢަބްދުއްރަޝީދު ޢަލީ އަވަހާރަވުމުން ޕްރޮގްރެސިވް ކޯލިޝަނުން ތައުޒިޔާ ވިދާޅުވެއްޖެއެވެ. ކޯލިޝަނުން ނެރެފައިވާ ތައުޒިޔާގެ ބަޔާނުގައި ވިދާޅުވެފައިވަނީ ކޯލިޝަންގެ އެންމެހާ މެންބަރުން އެ ޚަބަރު އެހީ ވަރަށް ވެސް ފުން ހިތާމައާއި އަސަރާއިއެކުގައި ކަމަށެވެ.

އަލްމަރްހޫމް ޢަބްދުއްރަޝީދު ޢަލީ އަކީ ދިވެހި ދައުލަތަށް ގިނަގުނަ ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގެތެރޭގައި ރައްޔިތުންގެ މަޖިލީހުގައްޔާއި ޚާއްޞަ މަޖިލީހުގައި ވަނީ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވައިފައެވެ. "ޢަބްދުއްރަޝީދު ޢަލީ އަވަހާރަވުމުގެ ހިތާމައިގައި އެމަނިކުފާނުގެ ލޮބުވެތި ދަރިކަލުން އިބްރާހީމް ފަޒުލް ރަޝިދާއި ޢާއިލާއަށް ކުރިމަތިވެފައިވާ ފުން ހިތާމައިގައި މިކޯލިޝަންގެ އެންމެހާ މެންބަރުން ބައިވެރިވެ، އިބްރާހީމް ފަޒުލް ރަޝިދާއި އެމަނިކުފާނުގެ ޢާއިލާއަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި މިކޯލިޝަންގެ ލީޑާރޝިޕާއި، ކައުންސިލް މެންބަރުންނާއި، ޕާލަމަންޓްރީ ގްރޫޕްގެ މެންބަރުންނާއި ސްޓިއަރިންގ ކޮމިޓީތަކާއި އަދި މިކޯލިޝަނަށް ނިސްބަތްވާ ދެ ޕާޓީގެ އެންމެހާ މެންބަރުންގެ ނަމުގައި ތަޢުޒިޔާ ދަންނަވާ، ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުން އެދި ދުޢާ ކުރަމެވެ."

"އަލްމަރްޙޫމް ޢަބްދުއްރަޝީދު ޢަލީ ގެ ފުރާނަފުޅަށް މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ، ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި. އާމީން."