ހުޅުމާލެ ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރ، ރަސްމީގޮތުން މިއަދު ހުޅުވައިފިއެވެ. މި ސެންޓަރ ހުޅުއްވަވައޮ ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

މި ސެންޓަރު ހުޅުވަން މިއަދު ހެނދުނު ހުޅުމާލެ ހޮސްޕިޓަލުގައި، ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ސެންޓަރު ހުޅުވައިދެއްވުމަށްފަހު ރައިސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު ބައްލަވާލައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގެންނެވިއެވެ.

ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރަކީ ނުކުޅެދުންތެރިކަން ތަޙައްމަލުކުރަމުންދާ ކުދިންނާ އެކުދިންގެ ޢާއިލާތަކަށް ބޭނުންވާ ޚިދުމަތްތައް އެއްފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމުގެ ގޮތުން ޤާއިމުކޮށްފައިވާ ސެންޓަރެއް ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. މި ސެންޓަރުގައި ޚިދުމަތް ފޯރުކޮށްދެނީ އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށެވެ. އެގޮތުން ޖިސްމާނީ، ވިސްނުމުގައި އުނިކަމާއި އުނގެނުމުގެ ދަތިކަން ހުންނަ ކުދިން، ސިކުނޑިއާ ނާރުތަކުގެ ބަލިތައް ތަޙައްމަލު ކުރަމުންދާ ކުދިންނާއި ވާހަކަދައްކަން ދަތިކަން ހުންނަ ކުދިންނަށް މި ސެންޓަރުގައި ފަރުވާ ފޯރުކޮށްދެއެވެ. މި ސެންޓަރުގެ ޚިދުމަތް ރަސްމީގޮތުން ފެށުމުގެ ކުރިން ބައެއް ޚިދުމަތްތައް ވަގުތީގޮތުން ދަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން މި ސެންޓަރުގައި 67 ކުއްޖަކު މިހާރު ރެޖިސްޓްރީވެ ޚިދުމަތް ހޯދަމުންދާ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މި ސެންޓަރުގެ މަޤްޞަދަކީ ސެންޓަރުގެ ޚިދުމަތް ހޯދާ ކުދިން، ދިރިއުޅޭ މާހައުލުގައި އަދި މުޖުތަމަޢުގައި އެންމެ ފުރިހަމައަށް އަމިއްލައަށް އުޅެވޭނެ ގޮތްތަކަށް މަގުފަހިކޮށްދީ މަސައްކަތްކޮށްދިނުމުވެ. އެގޮތުން އެކުދިންނަށް ބޭނުންވާ ތެރެޕީއާ ރިހެބިލިޓޭޓިވް ފަރުވާފަދަ ޚިދުމަތްތައް މި ސެންޓަރުން ފޯރުކޮށްދޭނެއެވެ.

ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު ރަސްމީގޮތުން ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ދެއްކެވި ވާހަކަފުޅުގައި މި ސެންޓަރުން ލިބޭ ޚިދުމަތްތަކަކީ މީގެ ކުރިން، ރާއްޖޭގައި ހޯދަން އުނދަގޫ ޚިދުމަތްތަކެއްކަން ފާހަގަކުރައްވައި މި ސެންޓަރުގެ ޚިދުމަތް ރަސްމީގޮތުން ފެށުމާއެކު މި ދާއިރާއިން ޚިދުމަތް ހޯދާ ފަރާތްތަކަށް ވަރަށްބޮޑު ލުއިފަސޭތަކެއް ލިބިގެންދާނެކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ސެންޓަރުގެ ޚިދުމަތް ފުޅާކޮށް، މުސްތަޤްބަލުގައި ރާއްޖޭގެ އުތުރާއި ދެކުނުގައި މިފަދަ ސެންޓަރުތަކެއް ޤާއިމުކުރެވިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ޞިއްޙީ ދާއިރާއިން މީހުން ތަމްރީނުކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު ރަސްމީގޮތުން ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ އެ ސެންޓަރަށް ބޭނުންވާ ބައެއް ޚާއްޞަ ތަކެތި ހަދިޔާ ކުރައްވާފައެވެ.