އުތުރު ކޮރެއާއަށް ކޮވިޑް-19 އެތެރެވިޔަ ނުދިނުމަށް، ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށް އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް އުން، އެގައުމުގެ ކަމާބެހޭ ފަރާތްތަކަށް އަމުރު ކުރައްވައިފިއެވެ.

ކޮވިޑް ބައްޔާދެކޮޅަށް ފިޔަވަޅުތައް އެޅުމަށް އުތުރު ކޮރެއާގައި މިހާރުވެސްވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ.

އެހެން ނަމަވެސް، މިއަދު ބޭއްވި ވެރިކަންކުރާ ވޯރކާސް ޕާޓީގެ ބައްދަލުވުމެއްގެ ރިޔާސަތުގައި އިންނަވައި ވާހަކަ ދައްކަވަމުން ކިމް ޖޮންގް އުންވަނީ، ކޮވިޑާމެދު އިތުރަށް ސަމާލުވުމާއި، ބައްޔާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް އަދިވެސް ވަރުގަދަ ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ވާހަކަ ދައްކަވާފައެވެ.

މީޑިއާއިން ބުނެފައިވަނީ، މިއީ، ވޭތުވެދިޔަ 27 ދުވަސްފަހުން އުތުރު ކޮރެއާގެ ލީޑަރ އާންމު ބައްދަލުވުމަކުން ފެނުނު ފުރަތަމަ ފަހަރު ކަމަށެވެ.

އުތުރު ކޮރެއާއިން މި ނޮވެމްބަރުމަހުގެ ކުރީކޮޅާ ހަމައަށް 12،000 އަށްވުރެ ގިނަމީހުން ކޮވިޑަށް ޓެސްޓުކޮށްފައިވާ ކަމަށާއި، ނަމަވެސް ޓެސްޓުކުރި އެއްވެސް މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ނުވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ހާމަކޮށްފައިވާ މައުލޫމާތުގައި ބުނެފައި ވެއެވެ.

ކޮވިޑް ބަލީގެ އަލާމާތްތައް ހުރިކަމަށް ޝައްކު ކުރެވިގެން އޮކްޓޫބަރުމަހުގެ ފަހުކޮޅު 174 މީހަކު ކަރަންޓީނު ކުރެވުނު ކަމަށްވެސް ޑަބްލިޔޫއެޗްއޯއިން ބުނެފައި ވެއެވެ. އޭގެތެރެއިން 8 މީހުންނަކީ ބޭރުމީހުންނެވެ.

ނަމަވެސް، އުތުރު ކޮރެއާއިން ކޮވިޑަށް ޕޮޒިޓިވް މީހަކު ފެނިފައިވާކަން އަދި މިހާތަނަށް އެއްވެސް ފަރާތަކުން ކަނޑައަޅާފައެއް ނުވެއެވެ.

ކޮވިޑްބަލި ދުނިޔޭގައި ފެތުރޭން ފެށުމާއެކު، އުތުރު ކޮރެއާގެ ލީޑަރ ކިމް، އެގައުމު ބަންދުކުރީ މާޗްމަހުގެ ތެރޭގައެވެ.

އަދި ބަލި ފެތުރިދާނެ ކަމަށް ބަލައި، ކުއްލި ނުރައްކަލުގެ ހާލަތު ހިންގައި ވަރުގަދަ ފިޔަވަޅުތަކެއްވެސް އަޅާފައި ވެއެވެ.

އުތުރު ކޮރެއާއަށް ކޮވިޑްބަލި އެތެރެވިޔަ ނުދިނުމަށް އަދި ބަލިން ރައްކާތެރިވުމަށް ރައްޔިތުން ގަދައަޅައި ކުރަމުންދާ މަސައްކަތަށް ކިމް، މީގެކުރިންވަނި ތައުރީފް ކުރައްވާފައެވެ.