މާލޭ ބްރިޖު ސަރަހައްދު ގޮނޑުދޮށަށް އަންގާރަ ދުވަހުގެރޭ އެރި ވެލައެއް ބިސް އަޅައިފިއެވެ.

އެސަރަހައްދަށް ވެލާ އެރުމާއެކު ފުލުހުންވަނީ އެއަށް ހިމާޔަތްދީފައެވެ. އެހެން ކަމުން ވެލާ ބިސްއަޅައިފައިވަނީ ފުލުހުންގެ ފުރިހަމަ ރައްކާތެރިކަމާއި ހިމާޔަތުގައި އޮވެގެންނެވެ.

ވެލާއެރުމާއެކު އެ މަންޒަރު ބަލަން މީހުން އެއްވިއެވެ. އެހެނަސް ފުލުހުން ވަނީ މީހުން ކޮންޓްރޯލް ކޮށްފައެއެވެ. ބައެއް މީހުން ބުނެފައިވަނީ ވެލާ ބިސްއަޅަން ފެށުމުގެ ކުރީން އެއާގާތްވެ ފޮޓޯ ނެގުން ރަނގަޅު ނޫންކަމަށެވެ. އެހެންނަށް ބިސް އަޅަން ފެށުމުން ވީޑިއޯއާއި ފޮޓޯނެގިޔަސް އެންމެ ރަނގަޅު ކަމަށް ކަމާ ގުޅޭ ބައެއް ފަަރާތްތަތަކުން ވަނީ ބުނެފައެވެ.

ވެލާ ބިސް އެޅި މަންޒަރު ދައްކުވައިދޭ ފޮޓޯ ތަކެއް އެންވަޔަރަންމަންޓް މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ. މި ބިސްތައް ފީކުރުމަށް ގެންދަން ހަމަޖެހިފައިވަނީ ރާއްޖޭގެ ކޮންމެވެސް ރިސޯޓަކަށް ކަމަށް އެނގިފައިވެއެވެ.

ހުސްވި މަހުގައި ވެސް އެސަރަހައްދަށް ވެލައެއް އެރިއެވެ. ފުލުހުން ވަނީ އޭތި އޮތް ވަޅުންނަގައި ބާއްވައިފައެވެ. ބޭއްވުމުން އެވަނީ އަމިއްލައަށް ފައިބައިގެން ގޮސްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. މިއީ ހިމާޔަތް ކުރެވިފައިވާ ތަކެތީގެތެރޭގައި ހިމެނޭ އެއްޗެކެވެ. ރޭ މާލެއަށް އެރި ވެލައަށް އެއްވެސް ބަޔަކު ގޯނާ ނުކުރުމަށް އީޕީއޭއިން ވަނީ އިލްތިމާސް ކުރައްވައިފައެވެ.