ސޫރިޔާގެ ޚާރިޖީ ވަޒީރު ވަލީދުލް މުޢައްލިމް އަވަހާރަވެއްޖެކަމަށް ސޫރިޔާ ޓީވީން ރިޕޯޓް ކޮށްފިއެވެ. އަވަހާރަވި އިރު އަލްމުޢައްލިމްގެ އުމުރުފުޅަކީ، 79 އަހަރެވެ.

އަލްމުޢައްލިމް އަވަހާރަވީ ގޮތާ ބެހޭ ތަފްސީލެއް މިޚަބަރު ގެނެސްދިން ޓީވީއިން ވެސް އަދި ރޮއިޓަރޒް އިންވެސް ހާމަކޮށްފައެއް ނުވެއެވެ.

ވަލީދުލް މުޢައްލިމް އެންމެ ފަހުން އާންމު ހަފްލާއެއްގައި ފެނިފައި ވަނީ، ރަޝިޔާއިން އިންތިޒާމުކޮށްގެން ބާއްވާފައިވާ ސޫރިޔާގެ ރެފިއުޖީން އެނބުރި ގެނައުމުގެ ހަފްލާގައި މިދިޔަ ހަފްތާގެ އަންގާރަ އަދި ބުރާސްފަތި ދުވަހުއެވެ.

މި ޙަފްލާގައިވެސް އަލްމުޢައްލިމު އާލާސްކަންފުޅާ އުޅުއްވާކަން ފާހަގަވިއެވެ. އޭނާ މާލަމަށް ވަދެވަޑައިގަތީވެސް ދެމީހެއްގެ އެހީގައެވެ.

އަލްމުޢައްލިމް އަކީ ދިމިޝްޤްގެ އުފަން ބޭފުޅެކެވެ.

އޭނާ ތަޢްލީމް ޙާސިލުކުރެއްވީ، މިސްރުގެ ކެއިރޯ ޔުނިވަރސިޓީގައި ޕޮލިޓިކަލް ސައިންސާއި އިކޮނޮމީގެ ދާއިރާއިން 1963 ވަނަ އަހަރުއެވެ.

އެއަށްފަހު ފޮރިން ސަރވިސްއާ ގުޅިވަޑައިގެން ޓެންޒޭނިއާއާއި ސައޫދިއްޔާއާއި ސްޕެއިންއާއި އިނގިރޭސިވިލާތުގައި ޚިދުމަތް ކުރެއްވިއެވެ.

1990ން 1999އަށް އަލްމުޢައްލިމު ހުންނެވީ ސޫރިޔާއިން އެމެރިކާއަށް ކަނޑައަޅާފައިވާ ސަފީރުގެ މަގާމުގައެވެ. އޭނާ ފޮރިން މިނިސްޓަރުގެ މަގާމަށް އައްޔަން ކޮށްފައި ވަނީ 2012ގައެވެ.

އަލްމުޢައްލިމަކީ، ބައްޕަ އަސަދާއި ދަރި އަސަދަށް ތާއީދުކުރައްވާ ބޭފުޅެކެވެ. ރަޝިއާއާއި އީރާނުން ސޫރިޔާއާ ގާތް ގުޅުން ބަދަހި ކުރުމުގެ މޭސްތިރިއަކީ އަލްމުޢައްލިމެވެ. މީގެ ސަބަބުން ސައޫދީންގެ ވާއްގާއެކު ހަތިޔާރު އަޅައިގެން އުޅޭ ސުންނީން ފޭރިގަތް ބިންތައް އަނބުރައި ހޯދުމަށް ސޫރިޔާ ސަރުކާރަށް ފަހިވެގެން ދިޔައެވެ.

ސޫރިޔާގައި އަސަދުގެ އާއިލާގެ ވެރިކަން ވައްޓާލުމަށް އަހުލީ ހަނގުރާމަ ފެށިގެންދާތާ ދިހަ އަހަރު ވެއްޖެއެވެ.

ސުންނީން ގިނަ ސޫރިޔާގައި ވެރިކަން ކުރަނީ ޝީއީންގެ އަލަވީ ޖަމާއަތަކުންނެވެ. ރައީސް ބައްޝާރުލް އަސަދުގެ ބައްޕަ ހާފިޒުލް އަސަދަކީ ދަނގަނޑު ގޮށްމުށުން ވެރިކަން ކުރެއްވި ޑިކްޓޭޓަރެކެވެ. އޭނާގެ ކާފަ ސުލައިމާނުލް ވަޚްޝްގެ ނަން ހުތުރުކަމުން އާއިލާގެ ލަގަބު ވަޙުޝުން އަސަދަށް ބަދަލުކުރެއްވީ ހާފިޒުލް އަސަދެވެ.