އީރާނުން ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒަށް ވަރަށް ބޮޑަށް ނުރުހުމާއި، ރުޅިވެރިކަން ފާޅުކޮށްފިއެވެ.

އީރާނުން ރުޅިއައީ، މުޅި ދުނިޔެ ގުޅިގެން އީރާނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ސައުދީ ރަސްގެފާނު ގޮވާލެއްވުމާ ގުޅިގެން އެކަމަށް ރައްދު ދެމުންނެވެ.

އީރާނުގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި، ސާބިތުނުހިފޭ ދޮގު ތުހުމަތުތައް އީރާނުގެ ބޮލުގައި ނޭޅުވުމަށާއި، ނަފްރަތު އުފެދޭ ވާހަކަތައް ނުފެތުރުމަށް ސައުދީ އަރަބިއްޔާއަށް ގޮވާލާފައި ވެއެވެ.

އަންނަ އަހަރު ސަރުކާރުން ގެންގުޅޭނެ ސިޔާސަތުތަކާ ގުޅޭގޮތުން ގައުމާ މުޚާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ސައުދީ ރަސްގެފާނުވަނީ، އީރާނުން ކުރިއަށްގެންދާ ނިއުކްލިއަރ އަދި ބެލިސްޓިކް މިސައިލް ޕްރޮގްރާމްގެ މައްސަލާގައި އީރާނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ދުނިޔެއަށް ގޮވާލައްވާފައެވެ.

އީރާނަކީ ސަރަހައްދަށް ހުރި ބޮޑު ނުރައްކަލެއް ކަމަށާއި، ސަރަހައްދުގެ ގައުމުތަކަށް ނުފޫޒު ފޯރުވަމުން ގެންދާ ކަމަށްވެސް ސަލްމާން ރަސްގެފާނު ވިދާޅުވެފައި ވެއެވެ.

އަދި އީރާނުން ގެންދަނީ ސަރަހައްދުގައި ބައިބައިވުން އުފައްދަމުން ކަމަށާއި، އެހެންކަމުން، މިފަދަ ބަޔަކަށް ފަނާކުރަނިވި ނުރައްކާތެރި ހަތިޔާރު ލިބުނަދީގެން ނުވާނެ ކަމަށާއި، އެކަން ހުއްޓުވުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ފިޔަވަޅު އަޅަންޖެހޭނޭ ކަމަށްވެސް ސައުދީ ރަސްގެފާނު ވިދާޅުވެފައި ވެއެވެ.

އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު ސައީދު ޚަތީބުޒާދީ ވިދާޅުވީ، އީރާނާ ގުޅޭގޮތުން ސައުދީ ރަސްގެފާނު އެފަދަ މޭރުމަކުން ވާހަކަ ދެއްކެވުމަކީ އައުމެއް ނޫންކަމަށެވެ.

އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު ވިދާޅުވީ "ޔަމަނުގެ ރައްޔިތުން މަރައިގެން ސުލްހަ ގާއިމް ނުކުރެވޭނެ ކަމާއި، ތަކްފީރީ ގްރޫޕްތަކާއި ވައްހާބިޒަމް ފަތުރައިގެން ސަރަހައްދުގައި ވެރިކަން ނުކުރެވެނޭ ކަމާއި، ހުރިހާ ކަމެއް ލޮބީކުރަން ފައިސާގެ ބޭނުން ނުކުރެވޭނެ ކަމާއި، ފަލަސްތީނު ރައްޔިތުންނަށް ޣައްދާރުވުމަށް އިސްލާމީ އުންމަތުގެ ރިސޯސްތައް ބޭނުން ނުކުރެވޭނެކަން ސައުދީ އަރަބިއްޔާ ދަންނަންޖެހޭނެ" ކަމަށެވެ.

ސައުދީ އަރަބިއްޔާގެ މައްޗަށް ވެރިކަންކުރާ ވެރިން އިޚުތިޔާރު ކޮށްފައިވާ ނުބައި މަގު ބަދަލު ނުކުރަނީސް، ސައުދީ އަރަބިއްޔާ ދުނިޔެއާއި އަދި ގަލްފް ސަރަހައްދުގައިވެސް އެކަހެރިވަމުން އަންނަ އައުމަށް ނިމުމެއް ނާންނާނެ ކަމަށް ސައީދު ޚަތީބުޒާދީ ވިދާޅުވިއެވެ.