ގދ. ފަރެސްމާތޮޑާ "ބޮނޑެ އަޓިގެ" މަރާމާތު ކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފެށިގެންދާނޭ ކަމަށް އެރަށު ކައުންސިލްގެ ރައީސް އަޙުމަދު އިމްތިޔާޒު ވިދާޅުވެއްޖެއެވެ.

އިމްތިޔާޒުގެ ފޭސްބުކު ޕޭޖުގައި ވިދާޅުވެފައިވަނީ އެރަށުގެ ރައްޔިތުންގެ އުންމީދަކީ އެތަނުގެ މަސައްކަތް ފަށައި ވީހާވެސް އަވަހަކަށް ނިންމައި ބޭނުން ހިފޭނޭ ގޮތްވުން ކަމަށެވެ. "އިންޝާﷲ ވަރަށް އަވަހަށް މިމަސައްކަތް ފެށިގެންދާނެ. ހެރިޓޭޖު މިނިސްޓްރީގެ އެހީއާއެކު މިހާރު ކައުންސިލުން މިދަނީ އެންމެފަހުގެ ތައްޔާރީތައް ވަމުން، މިތަންނަގާ ކޮޅަށް ޖެހުމަށްޓަކާ،" އޭނާ ވިދާޅުވެފައިވެއެވެ.

މާތޮޑާއަވަށުގައި ހުންނަ މި ތަން ރައްކާތެރިކޮށް ތަރައްޤީ ކުރުމާ ގުޅޭގޮތުން ނެޝަނަލް ސެންޓަރ ފޯ ކަލްޗުރަލް ހެރިޓޭޖާއި ފަރެސްމާތޮޑާކައުންސިލުން ވަނީ 2020 ވަނަ އަހަރު މަޝްވަރާ ކޮށްފައެވެ. އެކަމަށް މަޝްވަރާ ކުރުމަށް ބައްދަލުވުން ބޭއްވީ 2020 ވަނަ އަހަރު އޮކްޓޯބަރު 13 ވަނަ ދުވަހުއެވެ. އެ ބައްދަލުވުމުގައި ހެރިޓޭޖް މިނިސްޓްރީގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޠާރިޤެވެ.

އެ ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރ ތާރިޤް ވަނީ އަޓިގެ އަލުން މަރާމާތުކޮށް ތަރައްޤީ ކުރާނެ ފަރާތެއް ހޯދުމަށް ވާންޖެހޭ ފުރިހަމަ ތައްޔާރީތައް ވަމުން ގެންދާ ކަމަށް ވިދާޅުވެފައެވެ. އަދި އަޓިގެ މަރާމާތު ކުރާނެ ބަޔަކު ހޯދުމަށް ވީހާވެސް އަވަހަށް އިއުލާނު ކުރާނެ ކަަމަށް ވެސް ވިދާޅުވިއެވެ.

ފަރެސްމާތޮޑާ އަޓިގެ އަކީ އެރަށުގައި ހުރި ދުވަސްވީ އިމާރާތެކެވެ. އެއީ އިހު ޒަމާނުގައި މާލޫދު ކިޔުންފަދަ ކަންކަމަށް ބޭނުން ކުރި ތަނެކެވެ. އަދި މަސައްކަތްތެރި ކަމާއި ފަންނުވެރިކަމާއި އެރަށުގެ ޚާއްސަ ޝަޚުޝިއްޔަތުންގެ ހަނދާންތަކާއި ގުޅިފައިވާ މަރުކަޒެކެވެ.

ރާއްޖޭގެ އާސާރީ ބިނާ ތަކާއި ތަރިކަ ރައްކާތެރި ކުރުމަށް ހެރިޓޭޖު މިނިސްޓްރީން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

-ފޯޓޯތައް: ހަލިނިއުސް