ކޯވިޑް 19ގެ އާލަމީ ވަބާއާ ގުޅިގެން އިސްބަހާއި ފަހުބަސް ބުނުމުގެ ގަދަ ބާރު ދިވެހި ޑަކްޓަރުންނާއި ސިއްހީ ޚިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވައިފައެވެ. މިކަންކަމާ ހަވާލުވެ ތިއްބެވި ޑޮކްޓަރުންނާއި ސިއްހީ ޚިދުމަތްތެރިންގެ ފަރާތުން އޭގެ އިޖާބަ ލިބެމުން އެބަދެއެވެ. އަގުހުރި ޚިދުމަތްތަކަކާއި މަތިވެރި ގުރުބާނީތަކެއް އެބަފެނެއެވެ. އެހެންކަމުން ތާހިރު ހިތްތައް ވަނީ ލޯބިން ފުރިފައެވެ. މި ލޯބި ބަޔާންކުރުމަށްޓަކައި އުފަންވަމުންދާ އަދަބީ އުފެއްދުންތައް ވަރަށް ގިނައެވެ. ނިޔަތް ރަނގަޅު ނަމަ ޝުކުރު ހުއްޓެވެ.

މީސްމީޑިއާގެ މަންސަތަކުން ރީތި ޅެންތަކާއި ލަވަތައް އެބަފެނެއެވެ. ރައިވަރާއި ފުން ޝުޢޫރުގެ މެސެޖްތައް އެބަފެނެއެވެ. ކޮންމެ މެސެޖަކުންހެން ފިނިފެންމަލާއި އެނޫން ކިތަންމެ މަލެއް އެބަފެނެއެވެ. މި ރީތި މެސެޖް ކިޔާކަށް ޑޮކްޓަރުންނަކަށް ވަގުތެއް ނެތެވެ. މަސައްކަތުގެ ގިނަކަމުންނާއި ޒިންމާގެ ބޮޑުކަމުންނެވެ. މީގެ ތެރެއިން އެއްކަމަކީ އެއްވާހަކައެއް ކޮންމެ ދުވަހަކު އެތައް ފަހަރަކު ވިދާޅުވާން ޖެހިވަޑައިގަތުމެވެ. އަޅުގަނޑުމެން ބަސްނާހާތީއެވެ. އަޑު ނާހާތީއެވެ. އިވޭއަޑު އަނެއް ކަންފަތުން ނެރެލާތީއެވެ. މިހާލަތުގައި އަޅުގަނޑުމެން ކިޔާ ލަވައަކުން ފަރިއްސަކުން ރައިވަރަކުން ޑޮކްޓަރުންނަށް ލިބޭނޭ ލުޔެއް ނެތެވެ. އެހެންވީމާ ފުރަތަމަ ކަންތައް ފުރަތަމަ ކުރައްވާށެވެ.

ޑޮކްޓަރުންނާއި ސިއްހީ ޚިދުމަތްތެރިންގެ ގުރުބާނީގެ އަގު ވަޒަންކުރެވޭ ނަމަ، އެ ގުރުބާނީއާ މެދު ރަހުމް އުފެދޭ ނަމަ، އެ ޚިދުމަތް ދެމިހުންނަން އެދޭނަމަ، އެބޭފުޅުންގެ އިރުޝާދުތަކަށް އަމަލުކުރައްވާށެވެ. އެބޭފުޅުން ވިދާޅުވާ ގޮތަށް ކަންތައް ކުރައްވާށެވެ.

ޑޮކްޓަރުންނާއި ސިއްހީ ޚިދުމަތްތެރިންގެ ފުރާނަ ނުރައްކަލަށް ހުށަހެޅޭގޮތުން އެކުރައްވަނީ އަޅުގަނޑުމެން ސަލާމަތްކުރެއްވުމުގެ މަސައްކަތެވެ. އެހެންވީމާ އެކަމަށް ޝުކުރުވެރިވުމުގެ ގޮތުން އަޅުގަނޑުމެން ސަލާމަތްވަމާ ހިންގަވާށެވެ. އެބޭފުޅުން ވަރުބަލިފުޅު ފިލުވައިލަން ވަގުތެއް ލިބޭނީ އަޅުގަނޑުމެންގެ ފަރާތުން ލުޔެއް ލިބިގެންނެވެ. އެހެންވީމާ، އެ ލުއި ދިނުމުގެގޮތުން އެ ވިދާޅުވާ ކަންތައްތައް ކުރަމާ ހިންގަވާށެވެ. ހަގީގީ ޝުކުރަކީ އެއީއެވެ.

އަޅުގަނޑުމެން ލައްވައި ޝުކުރު ކިޔުއްވާކަށް ޑޮކްޓަރުންނާއި ސިއްހީ ޚިދުމަތްތެރިން ބޭނުންފުޅެއް ނުވެއެވެ. އެކަމަކު ޝުކުރުވެރިވާން ބޭނުންފުޅުވާނެއެވެ. ޝުކުރުވެރިވުމުގެ ގޮތުން ކުރަންވީ ކަމަކީ އެބޭފުޅުންގެ މަސައްކަތްޕުޅު ކާމިޔާބުވިޔަ ދިނުމެވެ. ކާމިޔާބުކޮށްދިނުމެވެ.

ކޯވިޑް19ގެ ބިރުވެރިކަން ހިތަށް ވައްދާ ޅެންފަރިހިތައް އާންމުވަމުން އެބަދެއެވެ. މީގެ ނަތީޖާއަށް އަޅުގަނޑުމެން އެބަ ވިސްނަން ހެއްޔެވެ؟ މިހާރު ވެސް ބިރުގަނެ ނަފުސާނީ ފަރުވާއަށް ބޭނުންވެފައިވާ މީހުންނަށް މިއިން ޖެހެނީ ކޮންފަދަ މުސީބާތެއްތޯ ބަލައިލިން ހެއްޔެވެ؟ މީހުން ބިރުގަންނަވައި ރޮއްވާކަށް މިކަމުގައި އަދީބުންނާއި ޝާޢިރުންނެއް ބޭނުމެއް ނުވެއެވެ. މި ވަބާ އޭގެ ޒާތުގައި އެކަން ކުރަމުން އެބަދެއެވެ. ޑޮކްޓަރުން އަވަހާރަފުޅު ނުލައްޕަވައި އެ އުޅުއްވަނީ މި ބިރުވެރިކަމުން މީހުން ސަލާމަތްކޮށްދެވޭތޯއެވެ. މިކަމުގައި އެހީތެރިވެދެއްވާށެވެ. ޅެން ފަރިހި އަންބާގެ މައުޒޫ ބަދަލުކޮށްލައްވާށެވެ. ހިތްވަރު ދެއްވާށެވެ. މި މުސީބާތާ ކުރިމަތިލާން ދަސްކޮށްދޭށެވެ. މިންޖުވާނޭ ކަމުގެ އުންމީދު ދެއްވާށެވެ. މިލައިފައިވާ ހިތްތަކަށް އާރޯކަން ގެނެސްދެއްވާށެވެ. މިކަންކަމަކީ ޑޮކްޓަރުންގެ މަސައްކަތަށާއި ހިތްޕުޅަށް ލުއި ލިބޭނޭ ކަންކަމެވެ.

ޑޮކްޓަރަކަށް، ސިއްހީ ޚިދުމަތްތެރިއަކަށް ދޭން އެންމެ ރީތި ހަދިޔާއަކީ ފިނިފެންމަލެއް ނޫނެވެ. އޭނާގެ ސިއްހީ އިރުޝާދަށް އަމަލުކުރުމެވެ. ހަގީގީ ޝުކުރުވެރިވުމަކީ އެއީއެވެ. ޝުކުރު ކިޔުމާއި ލަވަކިޔުމާއި ލޯބިލޯބި މެސެޖްތައް ތަރުތީބުވާނީ އޭގެ ފަހަތަށެވެ. އެއީ ވެސް ނުހަނު ބޭނުންތެރިކަމެކެވެ. ނަމަވެސް މިހިނދަށް އެންމެ ބޭނުންވަނީ ހިތްވަރާއި އަޒުމާއި ކެރުމާއި ބައިވެރިވުމާއި ހެޔޮފޯރުވުމުގެ މެސެޖްތަކެވެ.