ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ނުރައްކާ ރާއްޖެއަށް އެބައޮތް ކަމަށާއި އޭގެތެރެއިން ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމުގައި އެވްސެކޮމްގެ ދައުރު ވަރަށް މުހިއްމުކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑު (އެވްސެކޮމް) ގެ މުވައްޒަފުންނަށް މަޤާމުގެ ކުރިއެރުން ލިބުނުކަމުގެ ލިޔުން ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރ ވިދާޅުވީ ދުނިޔޭގެ ސަލާމަތީ ވެށްޓަށް މިހާރު އަންނަމުންދާ ބޮޑެތި ބަދަލުތަކުގެ އަސަރު ރާއްޖެ ހިމެނޭ ސަރަޙައްދަށްވެސް ފޯރަމުން އަންނަ ކަމަށެވެ. އެގޮތުން އަވަށްޓެރި ލަންކާއަށް ދިން އީސްޓަރ ސަންޑޭ ޙަމަލާޔާއި، އ.ދ.މަހިބަދޫ ފަޅުގައި އަޅާފައިހުރި ލޯންޗުތަކެއްގައި ރޯކޮށްލުމާއި، މެއި 6ގެ ޓެރަރިސްޓް ޙަމަލާ ފަދަ ޖަރީމާތައް ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ އެވްސެކޮމް ގެ މުވައްޒަފުން 24 ގަޑިއިރު، އެއްވެސް ވަރުބަލިކަމެއްނެތި ކުރާ މަސައްކަތަކީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރާ މަސައްކަތެއް ކަމަށެވެ. އެގޮތުން ފަތުރުވެރިކަމަށް އިންތިހާއަށް ބަރޯސާވާ އަދި އެތެރޭގެ އުދުހުންތައް އިތުރުވެފައިވާ މިރާއްޖޭގެ 18 އެއަރޕޯޓުން ފުރާ އަދި ޖައްސާ ކޮންމެ ފްލައިޓަކާއި، އެފްލައިޓަކަށް އަރާ ކޮންމެ ފަސިންޖަރަކާއި، އެފްލައިޓަކުން އުފުލާ ކޮންމެ ފޮށްޓަކާއި ކާގޯއަކީ، ސަލާމަތީގޮތުން އެއްވެސް ނުރައްކަލެއް ނެތް އެއްޗެއްކަން ބަލައި، ކަށަވަރުކުރަނީ އެވްސެކޮމުންކަމަށެވެ. ފަސިންޖަރުންގެ ބޮޑީޗެކްކުރުމާއި ލަގެގްޗެކްކުރުމާއި މިނޫނަސް ސަލާމަތީގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ އިޖުރާޢަތުތަކެއް ފުރިހަމަކުރަނީ އެވްސެކޮމްގެ ސެކިއުރިޓީ އޮފިސަރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭގެ ސަބަބުން އާންމު ރައްޔިތުންނަށް ބައެއް ފަހަރު އުނދަގޫ ވިޔަސް، އެކަމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރާ ކަންކަމަށްވާތީ، ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން އެކަންކަމަށް ދިނުން ވަރަށް މުހިންމު ކަމަށް އެކަމަނާ ވިދާޅުވިއެވެ.