އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑު (އެވްސެކޮމް) 2013 ވަނަ އަހަރު އުފެދުނުފަހުން އެތަނުގެ މުވައްޒަފުންނަށް ފުރަތަމަ ފަހަރަށް މަގާމުގެ ކުރިއެރުން ދީފައެވެ. އެހާދުވަސް ކޮށްލާފައި ކޮވިޑުގެ ދަތި އުނދަގުލުގެ ތެރެއިން ވެސް އެތަނުގެ އޮފިސަރުންނަށް މަގާމުގެ ކުރިއެރުން ލިބޭނޭގޮތް ހަމަޖައްސަވައި ދެއްްވީތީ މުވައްޒަފުންގެ ނަމުގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވަނީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ޝުކުރު އަދާ ކުރައްވައިފިއެވެ.

މގާމުގެ ކުރިއެރުުން ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި މާރިޔާ ދެއްކެވި ވާހަކަފުޅުަގައި ވިދާޅުވީ އެކަމަނާވަނީ، އެވްސެކޮމްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސުޕްރިންޓެންޑެންޓް އޮފް އޭވިއޭޝަން ސެކިއުރިޓީގެ މަޤާމަށް އަންހެން ބޭފުޅުން އައްޔަންކުރެވިގެންދާކަން ފަޚުރުވެރިކަމާއެކު ފާހަގަ ކުރައްވާފައެވެ. އެމަގާމަށް އައްޔަން ކުރެވުނު 2 ބޭފުޅުންނަށް މިނިސްޓަރ މާރިޔާ ވަނީ މަރުޙަބާ ވިދާޅުވެފައެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ މާރިޔާގެ އިތުރުން، އޭވިއޭޝަން ސެކިއުރިޓީގެ އިސްވެރިންނާއި މުވައްޒަފުންވަނީ ބައިވެރިވެވަޑައިގެންފައެވެ.