ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ޔޮޓް ޓުއާސް ގްރޫޕް ކުންފުނިތަކުގެ ސީއީއޯގެ މަގާމުންނާއި ޑީއާރުޕީގެ ނައިބު ލީޑަރުގެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ބޮޗޭ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔޮޓް ޓުއާސް ގްރޫޕްގެ އިތުރުން ޑީއާރުޕީގެ ނައިބު ލީޑަރު ކަމުން އޭނާ އިސްތިއުފާ ދީފައިވާ ކަމަށެވެ. އަދި އޭގެއިތުރުން ކާށިދޫ ދާއިރާގެ މަޖިލީސް ސެކްރެޓެރިއޭޓްގެ މަގާމުންވެސް އިސްތިއުފާދީފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކުރިން ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ބޮޗޭ ޑީއާރުޕީގެ ނައިބު ލީޑަރުގެ މަގާމަށް ހަމަޖައްސާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ.

އިސްތިއުފާ ދެއްވި ސަބަބެއް އޭނާ ހާމައެއް ނުކުރެއެވެ. އަދި ބޮޗޭގެ އިސްތިއުފާއާ ގުޅިގެން ޖާބިރު ވަކިއެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.