ހުޅުމާލޭގައި ޓެކްސީ ޑްރައިވަރު، އދ. މާމިގިލީ، ގާސިމް ހަސަން، 59އ މަރައިލި މައްސަލައިގައިގައި ކުރާ ދައުވާއަށް ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދު އިއުތިރާފުވެ މައްސަލަ އަވަހަށް ނިންމައި ދިނުމަށް، އެދިއްޖެއެވެ.

ކުރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި އެ މައްސަލައިގައި ހިމެނޭ ހެކިންގެ ހެކިބަސްނެގުން ކުރިއަށް ގެންގޮސްފައިވާއިރު، އަދުހަމް ވަނީ ދައުވާއަށް އިއުތިރާފުވާ ކަމަށް ބުނެފައެވެ.

މީގެ ކުރިން މި މައްސަލަ ބަލަމުން އައި ކުރިމިނަލް ކޯޓުގެ އޭރުގެ ގާޒީ އިސްމާއިލް ރަޝީދު އިސްތިއުފާ ދެއްވާފައިވާތީ، މިއަދުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާފައިވަނީ، ގާޒީ އަލީ ނަދީމެވެ.

މިއަދުގެ އަޑުއެހުމުގައި ދިފާއީ ވަކީލު ވެސް ވިދާޅުވީ، އިއުތިރާފުގެ އެއްބަސްވުމަކާއެކު ކުރިއަށްދާން އަދުހަމު ބޭނުންވާ ކަމަށެވެ. ނަމަވެސް ގާޒީ އަލީ ނަދީމު ވިދާޅުވީ، އަދަބަށް ލުއި ލިބެނީ، އިބްތިދާއީ މަރުހަލާގައި އިއުތިރާފުވުމުން ކަމަށާއި، ޝަރީއަތް ފެށުމަށްފަހު ވާ އިއުތިރާފުގެ އަދަބަށް ލުއި ނުދެވޭނެ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ގާޒީ ވަނީ ބައެއް ހެކިންގެ ހެކިބަސް ނަންގަވައިފައެވެ.

އެގޮތުން އެ ހާދިސާގެ، ސީންއަށް ދިޔަ ޕޮލިސް ސަރޖަންޓް މަރިޔަމް ޝިހާމާއި، ހުޅުމާލޭ ހޮސްޕިޓަލަށް ގޮސް ގާސިމްގެ ހަށިގަނޑަށް އެޓެންޑުވި ޕޮލިސް ސަރޖަންޓް ހުސައިން ފަރުހާންގެ އިތުރުން، އެހާދިސާ ހިންގިއިރު ކުޑަކުއްޖެއް ނަމަވެސް މިހާރު 18 އަހަރު ވެފައިވާ މީހެއްގެ ހެކިބަސް ނެގިއެވެ.

އެ ހުރިހާ ފަރާތްތަކުން ވެސް ވަނީ ގާސިމަށް ދިން ހަމަލާގައި އޭނާއަށް ލިބިފައިވާ ޒަހަމްތަކާއި ތަހުގީގަށް ފާހަގަވާ ކަންތައްތައް ޝަރީއަތަށް ކިޔައިދީފައެވެ.

ތޫނު އެއްޗަކުން ހަމަލާދީ ޑްރައިވަރު ގާސިމް މަރާލާފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ރެއެވެ. ގާސިމްގެ މަރުގެ މައްސަލައާ ގުޅިގެން އަދުހަމް ހައްޔަރުކޮށްފައި ވަނީ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

މީގެ ކުރިންވެސް އަދުހަމް ދައުވާއަށް އިއުތިރާފުވި އެވެ. ނަމަވެސް ފަހުން އެކަމަށް އިންކާރުކޮށް އޭނާ ބުނެފައިވަނީ، އެ ކަމަށް އިއުތިރާފުވީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށެ