ކޮވިޑް ޖެހިގެން ރާއްޖެއިން 45 ވަނަ މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހަރަކާތް ހުއްޓިގެން މިއަދު ހަވީރު އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމަށް ގެންދިޔަ މީހަކު 6:36 ގައި މަރުވެފައިވާ ކަމަށެވެ.

ޕްރޮޓޮކޯލްގެ ދަށުން އެމީހާ ކޮވިޑަށް ޓެސްޓު ކުރީއެވެ. ނަތީޖާ ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އުމުރުން 72 އަހަރުގެ އެމީހާ މަރުވީ ކޮވިޑް ޖެހިގެން ކަމަށް މިހާރު ވަނީ ކަނޑައަޅާފައެވެ.

މިއީ ހަފްތާއެއްގެ ތެރޭގައި ކޮވިޑް ޖެހިގެން މަރުވި ފަސް ވަނަ މީހާ އެވެ.

ފާއިތުވި ދުވަސްތަކުގައި ކޮވިޑް ޖެހިގެން މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ ބައެއް މީހުންނެވެ.

ކޮވިޑްގައި ރާއްޖެއިން މަރުވާ މީހުންގެ އަދަދު މަދުކުރެވިފައި މިވަނީ ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާތީއެވެ.