ބަހާއި ހިސާބު ޢިލްމުގެ ޤައުމީ އިސްތިރާޖު 2022-2027 އާއި އުނގެނުމުގެ އިތުރު އެހީ ދިނުމުގެ އިސްތިރާޖު ތަންފީޒުކުރަން ފެށުން ފާހަގަކުރުމަށް އިއްޔެ ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ އެވެ.

މިއީ ޤައުމީ މަންހަޖުގައި ހިމެނޭ ފައުންޑޭޝަން ސްޓޭޖާއި، ކީސްޓޭޖް 2ގެ ދަރިވަރުންގެ އުނގެނުމުގެ މަރުހަލާ ފަސޭހަކޮށްދިނުމަށްޓަކައި ތަންފީޒުކުރަން ފެށުނު މި އިސްތިރާޖެކެވެ. މީގައި ހިމެނިގެން އިއްޔެ ވަނީ ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ވެސް ފަށައިފައެވެ.

މިއީ ތިން ދުވަހުގެ މުއްދަތައް ކުރިއަށްދާ ތަމްރީނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ރާއްޖޭގެ 131 ސްކޫލުން ބައިވެރިވެއެވެ. ތަމްރީނު ޕްރޮގްރާމް ނިމޭއިރު،ބަހާއި ހިސާބު ޢިލްމު އުންގަންނައިދިނުމަށްޓަކައި މި ޕްރޮޖެކްޓުގައި ހިމެނޭ ކޮންމެ ސްކޫލަކުން ޓީޗަރަކު ވާނީ ތަމްރީނުކުރެވިފައި ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ، މިއީ ޔުނިސެފާއިި ގްލޯބަލް ޕަރޓްނާޝިޕް ފޮރ އެޑިޔުކޭޝަން އިން ރާއްޖެއަށް ލިބުނު ހިލޭ އެހީއާއެކު ޤާއިމުކުރެވުނު "ލޭމްޕް" ޕްރޮޖެކްޓުން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމެއް ކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ.