ރާއްޖޭގައި އަލަށް ތައްޔާރުކުރި ދިވެހި ސްކްރީން-ރީޑިން ސޮފްޓްވެއަރ "ޝާމިލު އަޑު" މިއަދު އިފްތިތާޙު ކުރައްވައިފިއެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސޮފްޓްވެއަރ އިފްތިތާޙް ކޮށްދެއްވީ ނާއިބު ރައީސް ފައިޞަލް ނަސީމެވެ. މިއީ ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނާއި ޖަވާބު ޕްރައިވެޓް ލިމިޓެޑާ ގުޅިގެން ތައްޔާރު ކުރި ސޮފްޓްވެއަރއެކެވެ.

މިމަސައްކަތުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ، ފެނުމުން މަޙުރޫމްވެފައިވާ ކުދިންނަށް އެންމެ ފަސޭހަކަމާއެކު ބޭނުންކޮށްލެވޭނޭ ގޮތަކަށެވެ. އެގޮތުން ގިނަ ޕްލެޓްފޯމް ތަކަކަށް ސަޕޯޓް ކުރާގޮތަށް ސޮފްޓްވެއާ ވަނީ ތައްޔާރު ކުރެވިފައެވެ.

މިއީ ރާއްޖޭގައި ބޭނުންކުރަން ފަށާ މިއަދަ ފުރަތަމަ ސޮފްޓުވެއަރ ވެސް މެއެވެ.

މި ސޮފްޓްވެއަރ ޑެސްކްޓޮޕް، އެންޑްރޮއިޑް، އައި.އޯ.އެސް ގައި ބޭނުންކުރެވޭނެއެވެ. އޭގެ އިތުރުން އޮންލައިންކޮށްނާއި އިންޓަރނެޓާ ނުލައި ވެސް މި ސޮފްޓްވެއަރ ބޭނުން ކުރެވޭނެ އެވެ. މިއީ ރާއްޖެއަށް އައު މަސައްކަތަކަށްވުމުން މިއީ ގިނަދިރާސާތަކާއި ގިނަ ހޯދުންތަކަށް ބަރޯސާވެފައި ވުމުން މިމަސައްކަތް ކޮށްފައިވަނީ ރިސާޗުއެންޑް ޑިވެލޮޕްމަންޓް މަސައްކަތެއްގެ ގޮތުގައި ކަމަށް ޑިވެލޮޕަރ ވިދާޅުވެފައިވާ ކަމަށް އެޑިޔުކޭޝަނުން ވަނީ ފާހަގަކޮށްފައެވެ.

ސޮފްޓްވެއަރ އިފްތިތާހު ކޮށްދެއްވި ރަސްމިއްޔާތުގައި ނާއިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް މި ސޮފްޓްވެއަރގެ ސަބަބުން އެތައް ފުރުޞަތެއް ލިބިގެންދާނޭ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރައްވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ބޭނުންވާ މިފަދަކަންކަން ހާސިލް ކޮށްދެއްވުމަށް ކަމަށެވެ. އެގޮން ސްކޫލް ތެރެއާއި ބޭރުގައި ވެސް ހިންގާ ހަރަކާތްތަކުގައި ކުދިންނަށް ބައިވެރިވެވޭނޭ މާހައުލެއް ގާމް ކުރަން މަސައްކަތް ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ "ނުކުޅެދުންތެރިކަން ހުންނަ ކުދީން ބައިވެރިވުމުގެ ނިޔަތުގައި ސްކޫލުގައި އޮންނަކަމެއްގައި ހަމައެކަނި އެކުދީން ހިމެނޭ ހަރަކާތެއް ގެނެސްދިނުމަކީ އެކުދީން ޝާމިލްކުރުމެއްނޫން. އެކުދީން ޝާމިލް ކުރެވޭނީ އެހެންދަރިވަރުން ވެސް ހިމެނޭ ހަރަކާތެއްގައި އެކުދީންގެ ހުނަރު ދައްކާލަން ފުރުސަތު ލިބިގެން. އިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނާއި އިޝާރާތުން ވާހަކަ ދައްކަން ސްކޫލުގެ އެހެން ދަރިވަރުންނާއި މުވައްޒަފުންނަށް ދަސްކޮށްދީގެން،" ކަމަށެވެ.