ޕާކިސްތާންގެ އިސްލާމީ ސިޔާސީ ހަރަކާތުގައި އައު ތަރިއެއް ދަނީ ފިޔަޖަހަމުންނެވެ. މައުލާނާ ޚާދިމް ހުސެއިން ރިޒްވީއަށް ފްރާންސްގައި ކުރަހާފައިވާ އިހާނާތްތެރި ކާޓޫންތައް ވެފައިވަނީ ސިޔާސީ އުދަރެހަށް ނިކުމެ، އައު ހަރަކާތެއް ފެށުމަށް ހެޔޮފާލައަކަށް ވެފައެވެ.

ޚާދިމް ރިޒްވީ ގެންދަނީ ފްރާންސްގެ ކާޓޫންތަކާ ދެކޮޅަށް އިސްލާމްއާބާދުގައި މުޒާހަރާ ކުރަމުންނެވެ.

ތަހްރީކޭ ލައްބައިކަ ޔާރަސޫލުﷲ ޕާޓީގެ ބާނީ، ޚާދިމް ރިޒްވީއަކީ ކުރިން ޕާކިސްތާންގެ ވަގުފު އޮފީހުގެ މުވައްޒަފެކެވެ. އޭނާގެ ހުކުރު ޚުތުބާތަކަކީ، އަޑުއަހާ މީހުންގެ ޖޯޝް ކައްކާލާ ޚުތުބާތަކެކެވެ. އައްލާމާ އިގްބާލްގެ ޅެންތަކާއި ފާރިސީ ޅެންތައް ހިމަނައިގެން އޭނާ ދޭ ޚުތުބާތައް އަޑުއަހަން ގިނަ އަދަދަކަށް މީހުން އެއްވެއެވެ.

މައުލާނާ ޚާދިމް ޙުސެއިން ރިޒްވީއަކީ، އޭނާ ގަބޫލުކުރާ އިސްލާމީ ހަމަތަކާއި އަގީދާތައް ފިޔަވައި ދެން ތިބި އެންމެންނަކީ ދީނުން ބޭރުވެފައިވާ ބައެއްކަމަށް ދެކޭ މީހެކެވެ. އޭގެ ތެރޭގައި ޝީއީންނާއި ސުންނީ މުސްލިމުން ހިމެނެއެވެ.

މައުލާނާ ރިޒްވިއަކީވެސް ސުންނީ މުސްލިމެކެވެ. ނަމަވެސް ނަދުރު ބުނުމާއި ވަލީވެރިންގެ މަހާނައަށް ޒިޔާރަތް ކުރުމާއި ބޮސްދިނުމަކީ، މައުލާނާ ރިޒްވީގެ އަގީދާގެ ބައެކެވެ.

އޭނާގެ އަގީދާއާއި އުސޫލުތައް ބައްޓަން ވެފައި ވަނީ 19 ވަނަ ގަރުނުގައި އިންޑިއާގައި ދީނީ ހަރަކާތެއް ހިންގެވި، އަހްމަދު ރިޒާ ބްރޭލްވީގެ ދީނީ އިރުޝާދުގެ މައްޗަށެވެ.

އުމުރުން 54 އަހަރުގެ ރިޒްވީއަކީ، ފުރުޅުލީ ގޮނޑިއެއްގައި އިންނަ މީހެކެވެ.

މައުލާނާ ޚާދިމް ރިޒްވީ ގެ ބްރޭލްވީ ގޮތްތަކަކީ ޕާކިސްތާންގެ އާބާދީގެ ފަންސާސް އިންސައްތަ މީހުން ގަބޫލުކުރާ ދީނީ ހަމަތަކެވެ. ސިޔާސީ މައިދާނުގައި ގިނަ މީހުންނަކީ ބްރޭލްވީ އަގީދާގެ މީހުންނެވެ. ބްރޭލްވީގެ 50 އިންސައްތަ ފިޔަވައި ދެން ތިބި މުސްލިމުން ޕާކިސްތާންގައި ގިންތި ކުރެވޭނީ، ޕާކިސްތާންގެ ބާނީ މުޙައްމަދު ޢަލީ ޖިނާހް ފަދައިން ޝީއީންގެ ގޮތުގައިއާއި، ދެއޮބަންދީ ދީނީ ހަމަތައް ގަބޫލުކުރާ މީހުންނާއި ވައްހާބީ އުސޫލުތައް ގަބޫލުކުރާ އަހްލޭހަދީސް މީހުންގެ މައްޗަށެވެ.

މައުލާނާ ރިޒްވީގެ ބްރޭލްވީ ޖަމާއަތުގެ މީހުންނަކީ ކުރިން ޕާކިސްތާންގެ ސިޔާސީ މައިދާނުގައި މަޑުމައިތިރި ބައެއްކަމުގައި ބެލެވުނު ބައެކެވެ. އެހެންނަމަވެސް 2011 ގައި ޕަންޖާބްގެ ގަވަރުނަރު، ސަލްމާން ތާސީރް އަވަހާރަކޮށްލި ހާދިސާއަށްފަހު މިމީހުން ބެލެވެނީ ހަރުކަށި ހައްދުފަހަނައަޅާފައިވާ ބައެއްގެ ގޮތުގައެވެ.

ސަލްމާން ތާސީރް އަވަހާރަކޮށްލާފައިވަނީ، ބައިމަދު ކްރިސްޓިއަން އަންހެނަކު، ދީނަށް ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި ޖަލަށް ލުމުން އެ އަންހެންމީހާގެ ދިފާއުގައި އޭނާ އަޑު އުފުއްލެވުމުންނެވެ. އޭނާ އަވަހާރަކޮށްލުމަށް ހަމަލަ ދިން މީހާ، މުމްތާޒް ގާދިރީއަކީ ބްރޭލްވީ ޖަމާއަތުގެ މީހެކެވެ. އަދި މުމްތާޒް ގާދިރީއަކީ، މައުލާނާ ރިޒްވީއަށް ތަބާވާ މީހެކެވެ.

2016 ވަނަ އަހަރު ދަންޖައްސައި މަރާލާފައިވާ ގާދިރީ، ޖަލުން މިނިވަން ކުރުމަށްވެސް "ތަހްރީކޭ ރިހާއޭ މުމްތާޒް ގާދިރީ"ގެ ނަމުގައި މައުލާނާ ރިޒްވީ ހަރަކާތެއް ހިންގިއެވެ. އަދި ގާދިރީގެ ޖަނާޒާގައި ރިޒްވީ ރޯން ހުއްޓާ ނަގާފައިވާ ފޮޓޯތައްވެސް މީސްމީޑިއާގައި ފެތުރިފައި ވެފައި ވެއެވެ.

ފަހުން، "ތަހްރީކޭ ރިހާއޭ މުމްތާޒް ގާދިރީ" ހަރަކާތް ބަދަލުވެގެން ދިޔައީ، ތަޙްރީކޭ ލައްބައިކަ ޔާރަސޫލުﷲ ސިޔާސީ ޕާޓީއަށެވެ.

މައުލާނާގެ މަސައްކަތަށް ކާމިޔާބީއެއް ލިބިގެން ދިޔައީ ސިންދު ޕްރޮވިންސްގެ ގާނޫނު ހަދާ މަޖިލީހުގެ ދެ ގޮނޑި ތަހްރީކޭ ލައްބައިކަ ޕާޓީއަށް ލިބިގެން ދިއުމުންނެވެ.

ފުރޮޅުލީ ގޮނޑީގައި އިނަސް، މައުލާނާ ރިޒްވީގެ މަސައްކަތުގެ ފުރަތަމަ ބައި ވަނީ ކާމިޔާބު ވެފައެވެ. ޕާކިސްތާންގައި ކީރިތި ރަސޫލާ ﷺ ގެ ދިފާއުގައި ވާހަކަ ދައްކާނެ ސިޔާސީ ޕާޓީއަކީ ތަހްރީކޭ ލައްބައިކަ ކަން އޭނާ ވަނީ ސާބިތުކޮށްދީފައެވެ.

ޕާކިސްތާންގައި އިސްލާމީ ސިޔާސީ މަސައްކަތް ކާމިޔާބު ވުމުގެ އަސާސަކީ، ދީނަށް ފުރައްސާރަ ކުރާ މީހުން މެރުމަށް ޕާކިސްތާނުން ހަދާފައިވާ ގާނޫނަށް ތާއީދު ކުރުމެވެ. މި ގާނޫނުގެ ދިފާއުގައި ފުރާނަ ދޭންވެސް މައުލާނާ ރިޒްވީ ހުރީ ތައްޔާރަށެވެ.

މިގާނޫނަށް ބަދަލު ގެންނަން މަސައްކަތް ކުރާ ކޮންމެ މީހަކަށް އޮތީ މަރުގެ ޙުކުމް ކަން ތަހްރީކޭ ލައްބައިކަ އިން ވަނީ ފާޅުގައި އިޢްލާން ކޮށްފައެވެ.

ތަހްރީކޭ ލައްބައިކަ ޔާރަސޫލުﷲ ޕާޓިއަކީ ޕާކިސްތާންގެ އިސްލާމީ ސިޔާސީ މުސްތަގްބަލުގައި އަޅާނުލައި ދޫކޮށް ލެވޭ ވަރުގެ ބައެއް ނޫނެވެ.

ޕާކިސްތާންގެ ހުރިހައި ގާނޫނަކަށް ވުރެން އެމްނެ މަތީގައި ވާ ސިފައިންގެ މުއައްސަސާގެ އިސްޖެނެރަލުންގެ ތާއިދު މިޕާޓީއަށް އޮންނަކަން، އެމީހުން ބާއްވާ މުޒާހަރާތަކުން ހާމަވެގެން ދެއެވެ.

"އަހަރަމެންނަކީ ހައްދުފަހަނަޅާފައިވާ ބައެއް ނޫން. ސޫރިޔާއަށް ބޮން އަޅައި، އީދު ދުވަހު ސައްދާމް ޙުސެއިން ދަންޖެއްސި މީހުންނަކީ ހައްދުފަހަނަޅާފައިވާ މީހުން. އަހަރަމެން ވާހަކަ ދައްކަނޚީ ކީރިތި ރަސޫލާ ﷺ ގެ ދިފާއުގައި. އިސްލާމްދީނާ ދެކޮޅަށް ވާހަކަ ދައްކާ މީހުންގެ ދޫ އޮޅޭނެ. މީހުންގެ ދޫތައް ކޮންޓްރޯލް ކުރަން ޖެހޭނެ" މިދިޔަ ހަފްތާގައި ކަރާޗީގައި މައުލާނާ ރިޒްވީ ގެ ތަގްރީރެއްގައި ބުންޏެވެ.