މުޖުތަމަޢުގެ އަމާންކަމާއި ރައްޔިތުންގެ ރައްކާތެރިކަމަށް ނުރައްކާވެ، އާންމު މަޞްލަޙަތު ގެއްލޭ ގޮތަށް އެއްވެސް ސިޔާސީ ޙަރަކާތެއް ހިންގުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫންކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބުނެފިއެވެ.

އެޕާޓީން ބުނެފައިވަނީ އެފަދަ ހަރަކާތްތަކަކީ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެއް ކަމަށެވެ. އެއްވެއުޅުމުގެ ޤާނޫނުން ލިބިދޭ ޙައްޤުތައް ހަނިކޮށް، ކުރީ ސަރުކާރުން 2016 ވަނަ އަހަރު ޤާނޫނަށް ގެނައި ބަދަލު އުވާލުމަކީ މި ސަރުކާރު ކޯލިޝަނުން އެއްބަސްވެ، ރައްޔިތުންނަށް ވެފައިވާ ވަޢުދެއް ކަމަށް ވެސް ބުނެފައިވެއެވެ. އެހެން ކަމުން އެކަން އަވަސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ގޮވާލާ ކަމަށް ވެސް އެމްއާރުއެމްއިން ބުނެފައިވެއެވެ.

އެމްއާރުއެމުން މިހެން ބުނެފައިވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހުކުރުދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ ހަރަކާތާ ގުޅޭގޮތުންނެވެ. ފުލުހުންގެ ޚިދުމަތުން ވެސް ބުނެފައިވަނީ އެ އެއްވުން ނުބޭއްވުމަށް ޕީޕީއެމަށް އަންގާފައިވާނޭ ކަމަށެވެ. ސަބަބަކީ އެއީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ގާނޫނާއެއް ގޮތަށް ބާއްވާ އެއްވުމެއް ކަމަށް ނުބެލެވޭ ސަބަބުތައް ފެންނަން ހުރުމުން ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އޭގެ އިތުރުން މިފަދަ އެއްވުންތަކުގެ ސަބަބުން އާންމު ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއެރުމުގެ ފުރުސަތު ވެސް ބޮޑު ކަމަށް ބުނެފައިވެއެވެ.