ކުރިއަށް އޮތް ރޯދަ މަހު ސްކޫލްތަކުގައި ކިޔަވައިދޭނީ ތިން ގަޑިއިރަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓަރު، ޑރ. އައިޝަތު އަލީ ސޮއި ކުރައްވައި ސްކޫލްތަކަށް ފޮނުއްވި ސާކިއުލާގައި ބުނީ ރޯދަ މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު ކިޔަވައިދޭނީ ރޯދަ މަހުގެ ގަޑިތަކާ އެއްގޮތަށް ކަމަށެވެ. އެގޮތުން އެއް ދަންފަޅީގެ ސްކޫލްތަކުގެ ކިޔެވުން ހެނދުނު 8:30-9:00 އާ ދޭތެރޭގައި ފަށައި އަދި ދެ ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތައް ވެސް ހެނދުނު 8:30-3:00 އާ ދެމެދު ފެށުމަށް މިނިސްޓްރީން އަންގާފައިވެ އެވެ.
މީގެ އިތުރުން އެލްކޭޖީ އަދި ޔޫކޭޖީގެ ދަރިވަރުންނަށް ސްކޫލްގައި އެންމެ ގިނަވެގެން ކިޔަވައިދޭނީ ދޮޅުގަޑިއިރަށެވެ. އަދި ގްރޭޑު 1-6 ގެ ދަރިވަރުންނަށް ދެ ގަޑިއިރާ 30 މިނެޓަށް ކިޔަވައިދޭން ހަމަޖެހިފައިވާ އިރު، ގްރޭޑް 7-12 ގެ ދަރިވަރުންނަށް ތިން ގަޑިއިރު ކިޔަވައިދޭނެ އެވެ.
ރޯދަ މަހު ކިޔަވައިދޭ ވަގުތުތައް މަދުކޮށްފައިވާޔީ މާއްދާތައް ނަގައިދޭ ދިގުމިން ވަނީ 30-45 މިނެޓަށް ފެއްތުމަށް ވެސް އެދިފަ އެވެ. އަދި ރޯދަ މަހުގެ އެކި މާއްދާތައް ކިޔަވައިދިނުމަށް ލިބޭ ޖުމްލަ ވަގުތަށް ބަލައި، ކްލާސްތަކުގެ ޓައިމްޓޭބަލް އެކުލަވާލައި މަދުވެގެން ދެ ހަފުތާގެ ތެރޭގައި ހުރިހާ މާއްދާއެއް ކިޔަވައިދެވޭނެ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުމަށް ވެސް މިނިސްޓްރީން އެދިފައިވެ އެވެ.
ދަންފަޅިތައް ރާވާއިރު ބައެއް ކަންކަމަށް ސަމާލުކަން ދޭން އެދިފައިވެ އެވެ. އޭގެ ތެރޭގައި ޓީޗަރުންގެ މަސައްކަތުގެ ގަޑި ޖުމްލަ ހަތަރު ގަޑިއިރަށްވުރެ ދިގުނުވާނެ ގޮތް ހެދުމާއި ހަވީރު 4:00 އިން ރޭގަނޑު 9:00 އާ ދެމެދު ސްކޫލްގެ އެއްވެސް ހަރަކާތެއް ނުރޭވުމާއި އަދި މެންދުރުފަހުގެ ދަންފަޅި ވީހާ ވެސް އަވަހަކަށް ނިންމައި ޓީޗަރުންނާއި ދަރިވަރުން ގެއަށް ދެވޭނެ ގޮތް ހެދުން ހިމެނެ އެވެ.