އިތިއޯޕިއާގައި ދެހަފްތާ ވެފައިވާ އަހްލީ ހަނގުރާމައިގައި ބޭރުވަމުންދާ ރެފިއުޖީންނަށް ސޫދާނާއި އިތިއޯޕިއާ ސަރަހައްދުގައި، ރެފިއުޖީންނާ ބެހޭ އދގެ އިދާރާއިން ވަނީ ކޭމްޕްތައް ހަދައިދީފައެވެ.

ޓީގްރީ ޕްރޮވިންސާއި އިތިއޯޕިއާގެ މަރުކަޒީ ސަރުކާރާ ދެމެދުގެ ސިޔާސީ ދެބަސްވުން ހަނގުރާމައަކަށް ބަދަލު ވެގެން ގޮސް، އިތިއޯޕިއާއިން ވަނީ ޓީގްރީއަށް ބޮން އަޅާފައެވެ. ޓީގްރީއާ ދެކޮޅަށް އިތިއޯޕިއާއަށް، އަވަށްޓެރި އެރިޓްރިއާއިން ވާގިވެރިވާކަމަށް ބުނެ، ޓީގްރީން ވަނީ އެރިޓްރިއާއަށް ވެސް ބޮޑު ބަޑިން ހަމަލަ ދީފައެވެ.

ދުނިޔޭގެ ކަނޑުދަތުރުގެ ވިޔަފާރީގެ މުހިންމު މަރުކަޒެއް ކަމުގައިވާ އެފްރިކާގެ މުލީގައި އުފެދިފައިވާ މި ހަމަނުޖެހުން އަވަށްޓެރި އެތައް ގައުމެއްގެ މެދުގެ ހަނގުރާމައަކަށް ބަދަލު ވެދާނެތީ ޔޫރަޕާއި އެމެރިކާއާއި އެފްރިކާގެ ގައުމުތަކުން ވަނީ އެޑިސްއަބާބާއަށް ސުލްހަވެރި ނިންމުމެއް ގެނައުމަށް ފިއްތުންތައް ފިއްތަން ފަށާފައެވެ.

ޙާއްސަ ސުލްހައިގެ މަސައްކަތެއްގައި ނައިޖީރިޔާގެ ކުރީގެ ރައީސް އޮބާސަންޖޯވެސް ވަނީ އިއްޔެ އެޑިސް އަބާބާއަށް ވަޑައިގެންފައެވެ.

އިތިއޯޕިއާއިން ތުހުމަތު ކުރާ ގޮތުގައި ހަނގުރާމައިން ސަލާމަތްވާން މަސައްކަތް ކުރި، ދިހަ ހާސް މީހުން، ޓީގްރީން ވަނީ ރަހީނުކޮށްފައެވެ. ޓީގްރީން މިވާހަކަ ދޮގު ކުރެއެވެ.

ޓީގްރީގެ ހަނގުރާމަ އަވަށްޓެރި އަމްހަރާ ޕްރޮވިންސަށް ފެތުރިގެން ހިނގައިދާނެ ކަމަށް ވެސް ބެލެވެއެވެ.

އިތިއޯޕިއާގެ ރައީސް އާބީ އަހްމަދުގެ ސިޔާސަތާ ދެކޮޅަށް ޓީގްރީގެ ސިޔާސީ ޕާޓީތަކުން ފެށި ދެކޮޅުވެރިކަން، އާބީއަށް ކޮންޓްރޯލް ނުކުރެވި އަހްލީ ހަނގުރާމައަކަށް ބަދަލުވީ އެވެ.

އިތިއޯޕިއާގައި ސިޔާސީ ގޮތުން ނުފޫޒުގަދަ އަދި ކުރިން ވެރިކަން ކޮށްފައިވާ ގިނަ ލީޑަރުން އައިސްފައިވަނީ ޓީގްރީންނެވެ. އާބީ އަހްމަދު ވެރިކަމަށް ވަޑައިގަތީ އެތައް ސިޔާސީ ޕާޓީއެއްގެ ތާއީދާއެކުގައެވެ.

އޭނާ ވަނީ ކޮރޯނާގެ ބަހަނާގައި އިންތިޚާބު ފަސްކުރައްވައި ހުރިހައި ސިޔާސީ ޕާޓީތައް އެއް ސިޔާސީ ޕާޓީއެއްގެ ތެރެއަށް ވައްދަވާފައެވެ. ޓީގްރީގެ ސިޔާސީ ޕާޓީތަކުން ވަނީ އާބީ ގެ މިނިންމުމާ ދެކޮޅު ހަދާފައެވެ.

ނޯބެލް ގެ އިނާމު ހާސިލުކުރައްވަފައިވާ އިތިއޯޕިއާގެ ފުރަތަމަ ކެތޮލިކް ރައީސް އާބީ އަހްމަދު ގެ މަޑުމޮޅި ސިޔާސަތުތައް ބަދަލުކުރައްވައި އޭނާ ވަނީ ހަރުކަށި ގޮތްތަކެއް ގެންގުޅުއްވަން ފައްޓަވާފައެވެ.

އިތިއޯޕިއާއާއި އަވަށްޓެރި ގައުމުތަކާ ދެމެދު ނީލަކޯރުގެ ފެން ހިއްސާކުރުމަށްވެސް ދެބަސްވުން އުފެދިފައި ވެއެވެ. ފެނާހެދި އެފްރިކާގައި ފެށިދާނެ ފުރަތަމަ ހަނގުރާމަ، ކޮންޓްރޯލް ކޮށް ސުލްހަވެރި ހައްލެއް ގެނައުމަށް އެމެރިކާއިން ފަށާފައިވާ މަސައްކަތަށް އަދިވެސް ހައްލެއް ނުލިބެއެވެ.

އިތިއޯޕިއާއިން ހަދަމުންދާ މެގަ ޑޭމްގެ މަސައްކަތް ނިމި ފެންޖަމާ ކުރަން ފެށުމުން، މިސްރާއި ސޫދާން ފެނަށް ޖެހޭނެކަމަށް ބެލެވެއެވެ.